މިދިޔަ މަހު ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) ގެ އޮފީހަށް އެންމެ ގިނައިން ފޮނުވާފައި ވަނީ މަސްތުވާތަކެތީގެ މައްސަލަ ކަމަށް ޕީޖީ އޮފީހުން ބުނެފިއެވެ.
އެ އޮފީހުން މިއަދު ވަނީ މިދިޔަ މަހު އެ އޮފީހުން ކޮށްފައިވާ މަސައްކަތްތަކުގެ ތަފާސް ހިސާބު އާންމުކޮށްފައެވެ.
ޕީޖީ އޮފީހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މަހު އެ އޮފީހަށް އެންމެ ގިނައިން ފޮނުވާފައިވަނީ މަސްތުވާތަކެތީގެ މައްސަލަ އެވެ. ދެން އެންމެ ގިނައީ މަސްތުވާތަކެތި ޓްރެފިކް ކުރުމާއި ވައްކަމުގެ މައްސަލަތަކެވެ.
މީގެ އިތުރުން ކުޑަކުދިންނާއެކު ބަދުއަހުލާގީ އަމަލު ހިންގުމުގެ މައްސަލަތަކާއި މާރާމާރީގެ މައްސަލަތައްވެސް ގިނައެވެ.
ތަފާސް ހިސާބުތަކަށް ބަލާލާއިރު މަސްތުވާތަކެތީގެ 62 މައްސަލަ އަކާއި މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ 51 މައްސަލަ އަކާއި ވައްކަމުގެ 27 މައްސަލަ އަކާއި ކުޑަކުދިންނާއެކު ބަދުއަހުލާގީ އަމަލު ހިންގުމުގެ 15 މައްސަލަ އަކާއި މާރާމާރީ ހިންގުމުގެ 12 މައްސަލައެއް މާޗް މަހު އެ އޮފީހަށް ފޮނުވާފައިވެއެވެ.
މީގެ އިތުރުން މިއަހަރުގެ މިހާތަނަށް ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުން އެންމެ ގިނަ މައްސަލަ ނިންމާފައިވަނީ މިދިޔަ މާޗް މަހުގައި ކަމަށް ޕީޖީ އޮފީހުން ހާމަކޮށްފައި ވެއެވެ.
އެގޮތުން މާޗު މަހު ޖުމްލަ 149 މައްސަލައެއް ނިންމާފައިވާއިރު އަދި އޭގެ ތެރެއިން 113 މައްސަލަ ވަނީ ސާބިތުވެފައެވެ. ފަސް މައްސަލަ މަދަނީ މިންގަނޑަށް ނުފެތޭ ކަމަށް ނިންމާ ކޯޓްތަކުން ބޭރުކޮށްލާފައިވާއިރު 31 މައްސަލަ ސާބިތުނުވާ ކަަމަށް ނިންމާފައި ވެއެވެ.
ދައުވާކޮށް ދިނުމަށް އެދި މާޗް މަހު ޕީޖީ އޮފީހަށް ފޮނުވާފައިވަނީ 244 މައްސަލަ އެކެވެ. އޭގެ ތެރެއިން 60 މައްސަލައެއް ބަލައިގަނެފައި ވާއިރު އިތުރު މައުލޫމާތު ސާފުކުރުމަށް 125 މައްސަލައެއް ވަނީ އަނބުރާ ފޮނުވާލާފައެވެ.
އަދި އެކި ސަބަބުތަކާ ހުރެ 26 މައްސަލައެއްގައި ދައުުވާ ނުކުރަންވެސް ނިންމާފައި ވާއިރު މިވަގުތުވެސް ދިރާސާ ކުރަމުންދާ 33 މައްސަލައެއްވާ ކަމަށް ޕީޖީ އޮފީހުން ހާމަކޮށްފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް