ޔޫކްރެއިނަށް އަރައި ރަޝިއާ ސިފައިން ހިންގަމުންދާ ހަނގުރާމައިގެ ތެރެއިން ޔޫކްރެއިންގެ އެތައް އަންހެނުންނެއް ރޭޕް ކުރަމުންދާ ކަމަށް އެ ގައުމުން ބުނެފި އެވެ.
ރޭޕް ކުރުމުގެ ގިނަ ހާދިސާތައް ހިނގާފައި ހުރީ ޔޫކްރެއިންގެ ކުދި އަވަށްތަކުގައި އެވެ. މީގެ ތެރެއިން އެތައް ވާހަކަތަކެއް އެ އަނިޔާވެރިކަން ތަހައްމަލް ކުރަން ޖެހުނު އަންހެނުން ދަނީ މީޑިއާގައި ކިޔައި ދެމުންނެވެ.
އޭގެ ތެރެއިން އެކަކީ ޔޫކްރެއިންގެ ވެރިރަށް ކީވް އާއި މާ ދުރުނޫން ސިޓީއެއްގެ އަވަށެއްގައި އުޅުނު 50 އަހަރުގެ އަންހެނެކެވެ. އެމީހާ ބުނީ ރަޝިއާ ސިފައިންގެ މީހަކު އޭނާ ދިރިއުޅޭ ގެއަށް ވަދެގަތީ ފިރިމީހާ އާއި އެކު ގޭގައި އުޅެނިކޮށް ކަމަށެވެ. އަދި ފިރިމީހާ ގަޔަށް ބަޑި ޖެހުމަށް ފަހު އޭނާ ގަދަކަމުން ގެއިން ނެރެގެން ގެންގޮސް ރޭޕް ކުރީ އަވައްޓެރި ހުސްކޮށް ހުރި ގެއެއްގައި ކަމަށެވެ.
އޭނާ ބުނީ ސިފައިންގެ މީހާ އޭނާ ރޭޕް ކުރަމުން ދަނިކޮށް އެތަނަށް ރަޝިއާ ސިފައިންގެ އިތުރު ތިން މީހަކު ވަތް ކަމަށެވެ. އެވަގުތު އޭނާގެ ދުވަސް ދިޔައީ ކަމަށް ހިތަށް އެރިކަމާއި އެކަމަކު އެ ސިފައިން ވަދެ އޭނާއަށް ޖިންސީ ގޯނާ ކުރަމުންދިޔަ ސިފައިންގެ މީހާ ގޮވައިގެން ދިޔައީ ކަމަށެވެ.
އެ އަންހެން މީހާ ބުނީ އޭނާ ފިރިމީހާ މަރުވީ ސިއްހީ ފަރުވާ ދޭން ހޮސްޕިޓަލަކަށް ގެންދެވޭނެ ގޮތެއް ނެތިގެން އަވައްޓެރި އަކާއި އެކު ގޭގައި ފަރުވާ ދެމުން ދަނިކޮށް ދެ ދުވަސް ފަހުން ކަމަށެވެ.
އެހެން އަންހެނަކު ބުނީ ރަޝިއާ ސިފައިންގެ ދެމީހަކު އޭނާ އާއި ފިރިމީހާ އަދި ދަރިފުޅު ގޭގައި އުޅެނިކޮށް ވަދެ އިންޒާރު ދިނުމެއްނެތި ފުރަތަމަވެސް ބަޑިޖަހާ މަރާލީ ފިރިމީހާ ކަމަށެވެ. އޭގެ ފަހުން ރުހުމުގައި އެމީހުންނާއި އެކު ޖިިންސީ ގުޅުން ނުހިންގައިފި ނަމަ ދަރިފުޅާއި ދެމީހުން މަރާލާނެ ކަމުގެ އިންޒާރުދޭން ފެށި ކަމަށެވެ. އަދި ގަދަކަމުން އެއްޗެހި ބާލުވައި ރޭޕް ކުރުމަށް ފަހު ގޮސް، އޭގެ ތިން ގަޑިއިިރެއްހާއިރު ފަހުން އަނެއްކާވެސް އެގެއަށް ގޮސް އޭނާ ރޭޕް ކުރި ކަމަށެވެ.
އޭގެ ފަހުން ދެމައިން އެގެއިން ނުކުތުމަށް ފުރުސަތު ދިނުމަށް ފަހު މަރުވެފައިވާ ފިރިމީހާ އާއި އެކު އެ އާއިލާގެ ގެ ރަޝިއާ ސިފައިން ރޯކޮށްލީ ކަމަށް އެ އަންހެން މީހާ ބުންޏެވެ.
މީގެ އިތުރުން ބައެއް ސިޓީތަކުގެ މަގުތަކާއި ގޭގޭގެ ބިންގަރާސްތަކުގައި ހަނގުރާމައަށް ފިލަން ތިބި އަންހެނުންނާއި އަންހެން ކުދިން ރޭޕް ކުރުމުގެ މައްސަލަތައްވެސް ވަނީ އިތުރުވެފައި އެވެ.
ޔޫކްރެއިންގެ ހިއުމަން ރައިޓްސް ކޮމިޝަނުން ބުނީ ހަނގުރާމައަށް ފިލަން ބިންގަރާހެއްގައި ތިބި އުމުރުން 14 އަހަރާއި 24 އަހަރާއި ދެމެދުގެ 25 އަންހެނުން ރަޝިއާ ސިފައިން ރޭޕް ކުރި ކަމުގެ ރިޕޯޓުކޮށްފައިވާ ކަމަށެވެ. ޔޫކްރެއިންގެ ބުޗާ ސިޓީގައި މިދިޔަ މަހު ކުރީކޮޅު ހިނގި މިހާދިސާގައި ރޭޕް ކުރި އަންހެނުންގެ ތެރެއިން ނުވަ އަންހެނަކު ބަނޑުބޮޑުވެފައިވާ ކަމަށް އެ ކޮމިޝަނުން ބުނެފަވެ އެވެ.
އެ ކޮމިޝަނުން ބުނީ ޖިންސީ އަނިޔާގެ ޝިކާރައަކަށް އެ ގައުމުގެ އެތައް ހާސް އަންހެނުން ވަމުންދާ ކަމަށާއި އެކަމަކު އެ މައްސަލަތައް ރިޕޯޓު ކުރަމުން ދަނީ ވަރަށް މަދު ބައެއް ކަމަށެވެ. އެފަދަ ހާދިސާތައް ކުރިމަތިވި ގިނަ އަންހެނުން ދަނީ ނަފްސާނީ އެހީތެރިކަން ހޯދަމުންކަމަށް ބުނެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް