ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) އިން އިންތިޒާމް ކުރާ ކޮކާ-ކޯލާ ލޯންގް ރަން 2017، 800 ބައިވެރިންނާއެކު ހުކުރު ދުވަހު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.
ރާއްޖޭގައި ބާއްވާ އެންމެ ދިގު ރޭސް ކަމުގައިވާ ލޯންގްރަން މާދަމާ ބޭއްވުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭގައެވެ.
ލޯންގް ރަންގައި، މަޝްހޫރު މެރެތަން ދުވުންތެރިޔާ ބްރެޓް ވީނާ ބައިވެރިވުމަށް ހަމަޖެހިފައިވާއިރު ކޮކާ-ކޯލާ ލޯންގް ރަން 2017 ގައި މެރަތޮން (42 ކިލޯމީޓަރު)، ހާފް މެރަތޮން (21 ކިލޯމީޓަރު)، 10 ކިލޯ މީޓަރު އަދި ފަސް ކިލޯ މީޓަރުގެ ކެޓަގަރީ ކުރިއަށްދާނެއެވެ.
މެރަތޮން ރޭސް ފަށާނީ އެޕްރީލް މަހުގެ 13 ވަނަ ދުވަހުގެ ދަންވަރު (އެޕްރީލް މަހުގެ 14 ވަނަ ދުވަހުގެ ފަތިހު) 03:20 ގައެވެ. މި މެރަތޮންގައި 60 ދުވުންތެރިން ބައިވެރިވާނެއެވެ. ހާފް މެރަތޮން އޮންނާނީ އެޕްރީލް މަހުގެ 14 ވަނަ ދުވަހުގެ ހެނދުނު 06:20 ގައެވެ. ހާފް މެރަތޮންގައި 150 ދުވުންތެރިން ބައިވެރިވާނެއެވެ. 10 ކިލޯމީޓަރު ފަށާނީ 14 ވަނަ ދުވަހުގެ ހެނދުނު 7:20 ގައެވެ. 10 ކިލޯމީޓަރުގައި 250 ދުވުންތެރިން ބައިވެރިވެއެވެ. 14 ވަނަ ދުވަހުގެ ހެނދުނު 8:20 ގައި ފަށާ ފަސް ކިލޯމީޓަރުގައި 340 ދުވުންތެރިން ބައިވެރިވެއެވެ.
ލޯންގްރަން އަކީ 2013 ވަނަ އަހަރު 210 ބައިވެރިންނާއެކު ފެށި މެރަތޮން އެކެވެ. އެފަހަރުގެ ހާފް މެރަތޮންގައި 50 ބައިވެރިން ބައިވެރިވިއެވެ. 2015 ވަނަ އަހަރު އިވެންޓްގެ ފޯމެޓަށް ބޮޑު ބަދަލެއް ގެނެސް މެރަތޮން ކެޓަގަރީ ތައާރަފްކުރިއެވެ. އަދި ކުރިން ހަވީރު ބާއްވަމުންދިޔަ ރޭސް އެ އަހަރު ފެށީ ދަންވަރު 3:20 ގައެވެ. އެ އަހަރުގެ މެރޮތަންގައި ފަސް އަންހެން ބައިވެރިންނާއި 14 ފިރިހެން ބައިވެރިން ބައިވެރިވިއެވެ. އެ ފަހަރު 42.2 ކިލޯމީޓަރުގެ މެރޮތަން ރޭސް ނިންމާލީ 13 ބައިވެރިންނެވެ. އެ އަހަރުގެ ހަތް ގައުމަކުން ބައިނަލްއަޤްވާމީ ހަތް ދުވުންތެރިން ބައިވެރިވިއެވެ. މިދިޔަ އަހަރުގެ މެރޮތަންގައި 32 ބައިވެރިން ބައިވެރިވިއިރު އޭގެ ތެރޭގައި 15 ބައިނަލްއަޤްވާމީ ދުވުންތެރިންވެސް ހިމެނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް