މިދިޔަ ފެބްރުއަރީ މަހު ކުޑަ ކުދިންނާ ގުޅުން ހުރި 240 މައްސަަލަ ހުށައަޅާފައިވާ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން ފެބްރުއަރީ މަހު އެންމެ ގިނައިން ހުށަހެޅުނީ ކުޑަކުދިންނަށް ޖިސްމާނީ އަނިޔާކުރުމުގެ މައްސަލަތަކެވެ. އެގޮތުން ޖިސްމާނީ އަނިޔާގެ 32 މައްސަލައެއް ހުށަހެޅިފައިވެ އެވެ.
ޖެނުއަރީމަހު އެންމެ ގިނައިން އެމިނިސްޓްރީއަށް ހުށައެޅުނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ މައްސަލަތަކެވެ. އެގޮތުން ޖެނުއަރީމަހު ޖިންސީ ގޯނާގެ 34 މައްސަލައެއް ހުށަހެޅުނު އިރު ފެބްރުއަރީ މަހު ޖިންސީ ގޯނާގެ މައްސަލަތަކުގެ ގޮތުގައި ހުށަހެޅުނީ 30 މައްސަލަ އެވެ.
އަންހެނުންނާ ގުޅުން ހުރި މައްސަލަތަކުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، އެންމެ ގިނައިން ހުށައަޅާފައިވަނީ ނަފްސާނީ ގޮތުން ގެއްލުން ދިނުމުގެ މައްސަލަތަކެވެ. އެގޮތުން މިބާވަތުގެ 11 މައްސަލައެއް ހުށައަޅާފައިވެއެވެ. އަންހެނުންނާ ގުޅުން ހުރި މައްސަލަތަކުގެ ތެރެއިން، ޖިސްމާނީ ގޮތުން ގެއްލުން ދިނުމުގެ ހަތް މައްސަލައެއް ހުށައަޅާފައިވާއިރު، ޖިންސީ އަނިޔާގެ ދެ މައްސަލަ ވަނީ ހުށައަޅާފައެވެ.
ކުޑަކުދިންނާއި އަންހެނުންނަށް ކުރާ އަނިޔާތައް ހުއްޓުވައި މިފަދަ މައްސަލަތަކަށް ޢާންމުން ހޭލުންތެރިކުރުވުމަށް ސަރުކާރާއި އަމިއްލަ ގިނަ ޖަމާޢަތްތަކުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް