ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މައްޗަށް ދައުލަތުން ތިން ދައުވާއެއް އުފުލާ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް ފޮނުވައިފި އެވެ.
ދައުވާ ކުރުމަށް ކޯޓަށް މައްސަލަ ހުށަހެޅީ އިއްޔެ އެވެ.
ގާސިމްގެ މައްޗަށް ކުރަނީ ރިޝްވަތު ހުށަހަޅަން އުޅުމުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަމަކަށް ނުފޫޒު ފޯރުވަން އުޅުމުގެ ދައުވާ އަދި ވޯޓު ދޭން ހުރި މީހަކަށް ނުފޫޒެެއް ފޯރުވަން އުޅުނު ކަމުގެ ދައުވާ އެވެ.
ގާސިމް މައްޗަށް އަލުން ދައުވާ ކުރަން ފޮނުވާފައި މިވަނީ ކުރިން ފޮނުވި މައްސަލަ ތަހުގީގު ކުރުމުގެ ހައިސިއްޔަތު ފުލުހުންނަށް ލިބިގެން ނުވާކަމަށާއި ރިޝްވަތުގެ މައްސަލަތައް ތަހުގީގު ކުރެވޭނީ އޭސީސީއަށް ކަމަށް ބުނެ ޕީޖީން މައްސަލަ އަނބުރާ ފޮނުވާލުމުންނެވެ. މިފަހަރު ފުލުހުން ފޮނުވި މައްސަލަ ތަހުގީގުކޮށްފަިއވަނީ ގާސިމް ބަންދުގައި ބަހައްޓައިގެންނެވެ.
ގާސިމް ބަންދު ކުރުމަށް ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ ގާސިމް ވަނީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރުނެތްކަމުގެ ވޯޓުގެ މައްސަލަ އާއި ނައިބު ރައީސް މޫސާ މަނިކުގެ އިތުބާރުނެތްކަމުގެ ވޯޓުގެ މައްސަލަ އާއި ގުޅިގެން މެންބަރުންނަށް ރިޝްވަތު ދޭން މަސައްކަތް ކޮށްފައި ކަމަށެވެ. އެކަމަކު ގާނޫނީ ވަކީލުން ވިދާޅުވީ ގާސިމް ދެއްކެވި ވާހަކައިގަ ރިޝްވަތު ދޭން އުޅޭކަމުގެ އެއްވެސް ވާހަކައެއް ދައްކަވާފައި ނުވާކަމަށެވެ.
އެހެންވެ އިދިކޮޅު ފަރާތްތަކުން ބުނަމުންދަނީ ގާސިމް ހައްޔަރު ކޮށްފައިވަނީ ގާނޫނާއި ހިލާފަށް ކަމަށެވެ. އަދި މި މައްސަލަ އިދިކޮޅު ޕާޓީތަކުން ދަނީ ބޭރު ގައުމުތަކުގެ ސަމާލުކަމަށް ގެންނަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް