ގއ.ވިލިނގިލީގެ ބަނދަރު ބޮޑުކުރުމުގެ މަސައްކަތް އެމްޓީސީސީ އާއި ހަވާލު ކޮށްފި އެވެ.
މި މަޝްރޫޢުއަށް 10.5 މިލިއަން ރުފިޔާ ކަނޑައަޅާފައިވެއެވެ. ބަނދަރު ހެދުމަށް ބޭނުންވާ ހިލަ ގެންގޮސް، ބޭރު ތޮށި ހެދުމުގެ މަސައްކަތް މި ހަފްތާގައި ފަށާފައިވާއިރު، މި މަޝްރޫޢުގެ މަސައްކަތް މި އަހަރުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އެ ކުންފުނިން މައުލޫމާތުދެއެވެ.
ވިލިނގިލީގައި މިހާރުވެސް ދެ ބަނދަރު އޮވެ އެވެ. އެއީ ޝީޓް ޕައިލްކޮށް ޒަމާނީ ފެންވަރަށް ހަދާފައިވާ ބަނދަރަކާއި، ކުރީގައި ބޭނުން ކުރަމުން އައި ބާ ބަނދަރެވެ. މި ދެ ބަނދަރުވެސް ގުޅާލެވިފައި އޮތް އިރު، ބަނދަރު ބޮޑު ކުރުމުގެ މަޝްރޫޢުގެ ދަށުން، މި ދެބަނދަރަށް ބޮޑު ބަދަލެއް ގެނައުމަށް ވަނީ ހަމަޖެހިފައެވެ.
އެގޮތުން ބާ ބަނދަރުގެ އެއްގަމު ތޮށި ޝީޓް ޕައިލްކޮށް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމާއި ދެ ބަނދަރުގެ ބޭރު ތޮށި ބޭރަށް ޖައްސާ، ބޮޑު ހިލައިގެ ތޮއްޓެއްލުން ހިމެނެއެވެ. މީގެ އިތުރުން ބަނދަރު އިތުރަށް ފުން ކުރުންވެސް ހިމެނެއެވެ.
ގއ.ވިލިގިއްޔަކީ ހުވަދުއަތޮޅުގައި އެންމެ ފުޅާ ދާއިރާއެއްގައި މަސްވެރިކަން ކުރާ އެއްރަށެވެ. އާބާދީގައި 3700 މީހުން ދިރިއުޅޭ މި ރަށުގައި ގިނަ ޢަދަދެއްގެ އޮޑި ދޯނިފަހަރު ގެންގުޅޭއިރު، އަތޮޅުގެ ވެރިރަށަށް ވުމުން، މިރަށު ބަނދަރުގެ ބޭނުން މުޅި އަތޮޅުގެ ރައްޔިތުން ހިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް