ހޫނު ގަދަވުމަކީ ކުޑަކުދިން ކެއުމާ ދުރުކޮށް ކެއުމުގައި ގިނަ ވަގުތު ހޭދަ ކުރާ ދުވަސްވަރެއްކަމަށް ތަޖުރިބާ ކާރުން ބުނެ އެވެ.
އެއީ ކާހިތް ނުވާތީއެއް ނޫނެވެ. ހޫނު ގަދަވުމުގެ ސަބަބުން ކުދިންގެ ހަށިގަނޑަށް އެކަށީގެންވާ ވަރަށް ފެން ނުލިބުމާއި އާންމުކޮށް ކާން ދޭ އެއްޗެހެއްސަކީ ކަރުހިއްކުން ފިލުވާ ކެއުމަށް ނުވާތީ އެވެ.
އެހެންވެސިއްހީ ތަޖުރިބާކާރުން ލަފާ ދޭގޮތުގައި ކުދިންނަށް ހޫނު ގަދަ މޫސުމުގައި ދޭންވީ ފެން ގިނަ ކާއެއްޗިއްސެވެ. ތިރީގައި އެވަނީ އެގޮތުން ފާހަގަކޮށްލެވޭ ބައެއް އެއްޗިއްސެވެ.
ކަރާ:
ކަރާގެ 92 ޕަސެންޓަކީ ފެނެވެ. ރަތް ކުލަ ގަދަ ކަރާ ފޮނިގަދަވާނެ އެވެ. ފޮނިގަދަ ކަރާ ކެއުމުން ހޫނުގަދަވުމުގެ ސަބަބުން ކުދިންނަށް ލިބިފައި ހުންނަ ވަރުބަލިކަމާއި ކަރުހިއްކުން ފިލުވާލާނެ އެވެ. އަދި ކަރާގައި އެކުލެވޭ ވިޓަމިން އޭގެ ސަބަބުން ހަނގަނޑަށް ދިރުން ލިބެ އެވެ.
ޓޮމާޓޯ:
އެންމެންނަށްވެސް ހީވެފައި އޮންނަނީ ޓޮމާޓޯއަކީ ތަރުކާރީއެއް ކަމަށެވެ. އެކަމަކު ގިނަ ސައިންސްވެރިން އިއްތިފާގުވާގޮތުގައި ޓޮމާޓޯއަކީ މޭވާއެކެވެ. ޓޯމާޓޯ ކެއުމުން ނުވަތަ ޓޮމާޓޯގައި ޖޫސް ގިރާފަ ކުދިންނަށް ބޯން ދިނުމުން ހަންގަނޑުގެ ކުރަކިކަން ފިލަ އެވެ.
ކިއުކަމްބާ:
ކިއުކަމްބާ އަކީ އާންމުކޮށް ކުޑަކުދިން އެހާ ކާހިއްވާ އެއްޗެއް ނޫނެވެ. އެކަމަކު އާންމުކޮށް ކުދިންނަށް ކިއުކަމްބާ ކާންދޭނަމަ ކުޑަކުދިންގެ ހަށިގަނޑުގެ ފިނި ހޫނުމިން އެއްވަރެއްގައި ހިފަހައްޓާދެ އެވެ..
ޔޯގަޓް:
ޔޯގަޓްގެ ބާވަތްތަކުގެ ތެރެއިން ކުދިންނަށް ދޭންވީ ޕްލެއިން ޔޯގަޓެވެ. އޭގެ ތެރެއަށް ކުޑަ ހަކުރު ކޮޅެއް ނުވަތަ ތާޒަ މޭވާ ކޮޅެއް ކޮށާ ލުމަށްފަހު އެއްކޮށްލިޔަސް ރަނގަޅުވާނެ އެވެ. ޔޯގަޓް ކާންދިނުމުން ކުދިންގެ ހަޖަމް ކުރުމުގެ ބައި ރަނގަޅުވެ ހަށިގަނޑުގެ ފިނިހޫނު މިން އެއްވަރެއްގައި ހިފަހައްޓާދެ އެވެ.
ކާށި ފެން:
ކާށި ފެނަކީ ހަށިގަނޑަށް ވަރަށް
ފައިދާ ހުރި އެއްޗެކެވެ. ހާއްސަކޮށް ކުޑަ ކުދިންނަށެވެ. ކާށި ފެން ބުއިމުން ސިއްހަތަށް ފައިދާވުމުގެ އިތުރަށް ހަށިގަނޑުގައި ހުންނަ ވަރުބަލިކަން ފިލުވާލަ އެވެ. ހަށިގަނޑަށް ބޭނުންވާ ނިއުޓްރިޝަން ލިއްބައިދެ އެވެ.
ލުނބޯ ފަނި:
ލުނބޯ ކެއުމުން ނުވަތަ ފަނި ގިރައިގެން ބުއިމުން ހަށިގަނޑަށް ވިޓަމިން ސީ ލިބިގެންދެ އެވެ. އޭގެ ސަބަބުން ކުދިންގެ އިމިއުނިޓީ ރަނގަޅުވެ ބޮޑުކަމު ދިޔުމަށް ފަސޭހަވުމުގެ އިތުރުން ހަށިގަނޑުގެ އެތެރެ ސާފުކޮށްދެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް