ދުވަސްތަަކަށް ބޮލީވުޑާއި ދުރުގައި އުޅުމަށް ފަހު ރަވީނާ ތަންޑުލް އެނބުރި އައިސް ކުޅުނު ފުރަތަމަ ފިލްމު “މާތުރް” ޕްރޮމޯޓް ކުރުމުގައި ހަރަކާތްތެރިނުވާން އޭނާ ނިންމައިފި އެވެ.
ޕްރޮމޯޝަނަލް އިވެންޓުތަކުގައި ބައިވެރި ނުވާން ނިންމާފައިވާއިރު މީގެ ކުރިން ރަވީނާ ވަނީ ވެބް ޗެނަލެއްގައި "މާތުރް" ޕްރޮމޯޓު ކުރުމަށް ދެކޮޅު ހަދާފައި އެވެ. އެއީ އެ ޗެނަލްގެ ފައުންޑަރުގެ މައްޗަށް ޖިންސީ ގޯނާގެ ކުރުމުގެ ތުހުމަތުތަކެއް ކޮށް އެ މައްސަލަ ފުލުހުން ބަލަން ފެށުމުންނެވެ.
ރަވީނާ ބުނެފައިވަނީ ފިލްމު ޕްރޮމޯޓު ކުރުމުގައި އިތުރަށް ހަރަކާތްތެރި ނުވާން ނިންމީ ޑައިރެކްޓަރު އަންޖަމް ރިޒްވީގެ މައްޗަށް ކުރެވެމުންދާ ތުހުމަތުތައް އިތުރުވަމުންދާތީ ކަމަށެވެ. މިމަހުގެ އެއް ވަނަ ދުވަހު ބޮންބޭ ހައިކޯޓުން ވަނީ "މާތުރް" ރިލީޒް ކުރެވޭނީ ފިލްމުގެ ޑައިރެކްޓަރު އަންޖަމް ކުންފުންޏަކަށް ދައްކަންޖެހޭ ފައިސާތަކެއް ދައްކާ ނިމުމުން ކަމަށް އަމުރުކޮށްފައި އެވެ.
“ކާތާ” ނަމަކަށް ކިޔާ ފިލްމެއްގެ މަސައްކަތެއް ކުރުމަށް 2014 ވަނަ އަހަރު އޭނާ ހަވާލު ކުރީ ވައިޓީ ކިޔާ ކުންފުންޏަކާއި އެވެ. އެކަމަކު އެކި ސަބަބުތަކާއި ހެދި ފިލްމު ރިލީޒްކޮށްފަ ނުވިނަމަވެސް ބޮންބޭ ހައިކޯޓުން ކޮށްފައިވާ އަމުރުގައި ބުނެފައިވަނީ އެ ކުންފުންޏަށް ޑައިރެކްޓަރު އަންޖުން 2.44 ކްރޯޑް ރުޕީޒް ދައްކަންޖެހޭ ކަމަށެވެ.
އަދި ކޯޓުން ވަނީ އަންޖަމް އުފައްދާފައިވާ އެއްވެސް ފިލްމެއްގެ ވިޔަފާރިކޮށް، އިތުރު ފިލްމެއް ހަދައިގެންވެސް ނުވާނެ ކަމަށް އަމުރުކޮށްފައި އެވެ.
މީގެ އތުރުން ފިލްމު "ކާތާ" ގައި ސަޕޯޓިން އެކްޓަރުންގެ ގޮތުގައި މަސައްކަތް ކުރި ބަޔަކުވެސް ވަނީ ކުއްލިޔަކަށް ނުކުމެ އެމީހުންނަށް ދޭން ޖެހޭ ލާރިވެސް ނުދޭ ކަމަށް ބުނެ މައްސަލަ ޖައްސަން ފަށާފައި އެވެ. އެމީހުން ބުނެފަިއވަނީ އަންޖަމް އެމީހުންނަށަ ދޭންޖެހޭ ފައިސާގެ ތެރެއިން 75،000 ރުޕީސް އަދިވެސް ނުދީވާ ކަމަށެވެ.
މި ކަންކަމާއި ގުޅިގެން އަންޖަމް މީޑިއާގައި ބުނެފައިވަނީ ނުނިމޭ މަސައްކަތެއްގެ ލާރި ދޭނެ ގޮތެއް ނެތް ނޭނގޭ ކަމަށާއި، މަސައްކަތް ނުނިމެނީސް އުޖޫރަ ހޯދަން އެމީހުންނަށް ޑިމާންޑު ނުކުރެވޭނެ ކަމަށެވެ.
"މާތުރް" ރިލީޒް ކުރަން ހަމަޖެހިފައިވަނީ މިމަހުގެ 19 ވަނަ ދުވަހު އެވެ. މި ފިލްމަކީ ރޭޕް ހާދިސާއެއްގެ މައްޗަށް ތައްޔާރު ކޮށްފައިވާ ފިލްމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް