ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް މެދުވެރިކޮށް، މާލެއާއި ހުޅުމާލޭގެ ފެނުގެ ނިޒާމް ގުޅުވާލުމުގެ މަޝްރޫޢު ޑިޒައިން ކުރުމަށް ސީ.ސީ.ސީ.ސީ ސެކަންޑް ހާބަރ އިންޖިނިއަރިން ކޯޕަރޭޝަނާ ޙަވާލުކޮށްފިއެވެ.
ފެނުގެ ނިޒާމްގެ ކަންކަން ކުރިޔަށް ގެންދިޔުމަށް މާލޭ ވޯޓާ އެންޑް ސްވްރޭޖް ކޮމްޕެނީ، އެމް.ޑަބްލިއު.އެސް.ސީ އާ ވަނީ ހަވާލުކޮށްފައެވެ. އެމް.ޑަބް.ލިއު.އެސް.ސީ އިން ބުނީ ބްރިޖްގެ ސުޕަރ ސްޓްރަކްޗަރ ނުވަތަ އޮނިގަނޑުގެ މަސައްކަތްތާއެކު، ފެނުގެ ވިއުގައިގެ މަސައްކަތް ކުރިއަށްގެންދިއުމަށް ވާންޖެހޭ ތައްޔާރީތައް ވަމުން ގެންދާކަމަށެވެ.
ބްރިޖްގެ ތެރޭގައި ފެންވިއުގަ ހަދާނެ ގޮތުގެ ޑިޒައިން ހެދުމަށް ޙަވާލުކޮށްފައިވަނީ ބްރިޖްގެ ކޮންޓްރެކްޓަރ ކަމުގައިވާ ސީ.ސީ.ސީ.ސީ ސެކަންޑް ހާބަރ އިންޖިނިއަރިން ކޯޕަރޭޝަނާއެވެ. މި މަސައްކަތަށް ބޭނުންވާ ސާމާނުތައް ރާއްޖެ ގެނެސް މިއަހަރުގެ ތެރޭގައި މަސައްކަތް ފެށުމަށް ވަނީ ނިންމާފައެެވެ.
ފެނުގެ ނިޒާމް ޑިޒައިން ކުރުމުގެ މަސައްކަތް ހަވާލު ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން އެމް.ޑަބްލިއު.އެސް.ސީގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ފަޒުލް ރަޝީދު ވިދާޅުވީ ޑިޒައިނިންގެ މަސައްކަތަށް އެކަނިވެސް ދެ ލައްކަ ޑޮލަރު ޚަރަދުވާނެކަމަށެވެ. އަދި ފެނުގެ ވިއުގައަށް ދާނެ ޚަރަދާއި، މުއްދަތު އެނގިގެންދާނީ ޑިޒައިން ހަދާ ނިމުމުން ކަަމަށް އޭނާ ވިދާޅުވިއެވެ.
"އެމް.ޑަބްލިއު.އެސް.ސީގައި ކުރިން ހިނގާފައި ހުރި ހާދިސާތަކަށް ބަލާއިރު، ފެނުގެ ރައްކާތެރިކަން އާންމުންނަށް ލިބިދިނުމަށްޓަކައި ފެން ބިލްޑިންގ ފިޔަވާ އިތުރު ތަންތަނުގައި ފެން ޕްލާންޓްތައް ހަދަމުން މިދަނީ. އަދި ބްރިޖް މެދުވެރިކޮށް ހުޅުމާލެއާއި މާލޭގެ ފެނުގެ ނިޒާމް ގުޅާލުމަށް ކުރިއަށްގެންދާ މަޝްރޫޢާއެކު ހުޅުމާލޭގައި ބޮޑު ސްޓޯރޭޖް ފެސިލިޓީއެއް ޤާއިމް ކުރެވޭނެ. ވީމާ ފެނުގެ ރައްކާތެރިކަން އެބަ އިތުރުވޭ. އަދި މިހާރު ޚަރަދުތައް ބޮޑުވި ނަމަވެސް، ދިގު މުއްދަތަކަށް ބަލާއިރު ޚަރަދު ވަރަށް ބޮޑަށް ކުޑަ ކުރެވޭނެ" ފަޒުލް ވިދާޅުވިއެވެ.
ފެނުގެ ނިޒާމުގެ އިތުރުން، މާލެއާއި ހުޅުމާލޭގެ ކަރަންޓު ވިއުގަ ބްރިޖް މެދުވެރިކޮށް ގުޅާލުމުގެ މަސައްކަތް ކުރިއަށްގެންދަނީ ސްޓެލްކޯއިންނެވެ. ސްޓެލްކޯއިން ވަނީ މިދިޔަ އަހަރު އެ މަސައްކަތުގެ ޑިޒައިނާއި ޓެންޑާ ޑޮކިއުމެންޓް ހެދުމަށް އިނގިރޭސިވިލާތުގެ ސީމަންސް ކުންފުންޏާ ޙަވާލުކޮށްފައެވެ.
ފެނާއި ކަރަންޓް އެންމެ ގިނަ އަދަދަކަށް ބޭނުންކުރާ އެއް ސަރަހައްދަށް މާލެ ވީ އިރު، ފެނުގެ ނިޒާމަށް މައްސަލައެއް ކުރިމަތިވެއްޖެ ނަމަ، އަލަށް ޤާއިމްކުރާ މި ނިޒާމް މެދުވެރިކޮށް ހުޅުމާލެއިން މާލެއަށް އަދި މާލެއިން ހުޅުމާލެއަށް ފެން ޕަމްޕު ކުރެވޭނެއެވެ. އޭގެ ސަބަބުން މާލެއާއި ހުޅުމާލޭގައި ދިރިއުޅުއްވާ ރައްޔިތުންނަށް ވަރަށް ގިނަ ފަސޭހަތައް ވެގެންދާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް