ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހުލޫފު ފުލުހުންގެ ބަންދުން ދޫކޮށްލުމަށް ހައިކޯޓުން އަމުރުކޮށްފި އެވެ.
މަހުލޫފު ފުލުހުންގެ ބަންދުން ދޫކޮށްލުމަށް ހައިކޯޓުން އަމުރުކޮށްފައި މިވަނީ ފުލުހުންގެ ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރު ބާތިކް ކުރުމަށް އޭނާގެ ފަރާތުން ހައިކޯޓަށް ހުށަހެޅި މައްސަލައިގަ ހުކުމުގަ އެވެ.
ހައި ކޯޓުން މިއަދު ނެރުނު ހުކުމްގައި ވަނީ މުޒާހަރާ އަށް ދާން ޝަރުތު ނުކުރެވޭނެ ކަމަށެވެ.
އެދުވަހުގެ ޝަރީއަތަށް ފަހު މަހުލޫފުގެ ގާނޫނީ ވަކީލު ކުރީގެ ޑެޕިއުޓީ ޕީޖީ ހުސައިން ޝަމީމް ވިދާޅުވީ ކްރިމިނަލް ކޯޓުން ކަނޑައެޅި ޝަރުތުތަކަށް އެެއްބަސްނުވެގެން ގޭ ބަންދުގައި ބެހެއްޓުމަށް ފަހު އެ މުއްދަތުގައި އެއްވެސް މައްސަލައެއް ދިމާނުވަނީސް ފުލުހުންގެ ބަންދަށް ބަދަލު ނުކުރެވޭނެކަމަށް މަހުލޫފުގެ ފަރާތުން ހައިކޯޓުގައި ބުނެފައިވާނެ ކަމަށެވެ. އެދުވަހު ޝަރީއަތުގައި ޕީޖީ އޮފީހުން ބުނިކަމަށް ޝަމީމް ވިދާޅުވީ އެއްވުންތަކަށް ނުދާން ކޯޓުން ކުރާ ޝަރުތަކީ ގާނޫނާއި ހިލާފު ޝަރުތަކަށް ވެދާނެކަމަށެވެ.
އަދި ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހުން ވަނީ އަސާސީ ހައްގެއް އުނިވާ ގޮތައް ޝަރުތު ނުކުރެވޭނެ ސަބަބުތައް ބަޔާންކޮށް ޝަރީއަތަށް ސިޓީއެއް ވެސް ހުށަހަޅާފަ އެވެ.
މިދިޔަ މަހުގެ 25 ވަނަ ދުވަހުގެ ރޭ އިދިކޮޅު ފަރާތްތަކުން މާލޭގައި ކުރި މުޒާހަރާގެ ތެރެއިން މަހްލޫފު ހައްޔަރުކޮށް، ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި އޭނާ ބެހެއްޓުމަށް ފުލުހުންގެ މައްޗަށް މި މަހުގެ ހަތަރު ވަނަ ދުވަހު ކޯޓުން އަމުރުކުރީ، އެއް މަސް ދުވަސް ވަންދެން މުޒާހަރާ އަށް ނުދިއުމަށް ކުރި ޝަރުތު އޭނާ ގަބޫލު ނުކުރެއްވުމުންނެވެ.
މުޒާހަރާގެ ތެރެއިން މަހްލޫފު ހައްޔަރުކުރީ ފުލުހުން ޖަހާފައި ހުރި ބެރިކޭޑް ފަޅާލައި، ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދުގެ ތެރެއަށް ވަނުމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް