އާ ގާނޫނުލް އުގޫބާތަކީ އިސްލާމީ ޝަރީއަތާއި ހިލާފު ގާނޫނެއް: ސަލަފު

ރާއްޖޭގައި މާދަމާ އަމަލުކުރަން ފަށާ، އާ ގާނޫނުލް އުގޫބާތަކީ އިސްލާމީ ޝަރީއަތާ ހިލާފު ގާނޫނެއް ކަމަށް ޖަމިއްޔަތުއް ސަލަފުން ބުނެފިއެވެ. ޖަމިއްޔަތުއް ސަލަފުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ގާ...

12 Apr 2015 | 08:01

ރާއްޖޭގައި މާދަމާ އަމަލުކުރަން ފަށާ، އާ ގާނޫނުލް އުގޫބާތަކީ އިސްލާމީ ޝަރީއަތާ ހިލާފު ގާނޫނެއް ކަމަށް ޖަމިއްޔަތުއް ސަލަފުން ބުނެފިއެވެ.

ޖަމިއްޔަތުއް ސަލަފުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ގާނޫނުލް އުގޫބާތު އެކުލަވާލާފައި ވަނީ، އިސްލާމީ ޝަރީއަތުގެ އެއް އަސްލު ކަމަށްވާ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ސުންނަތް މުޅިން ދޫކޮށްލައިގެން ކަމަށެވެ. ސަލަފުން ބުނެފައިވަނީ ގާނުނުލް އުގޫބާތަކީ އިސްލާމީ ޝަރީއަތުގެ މައްޗަށް ބިނާކޮށްގެން ހަދާފައިވާ ގާނޫނެއް ކަމަށް ރައްޔިތުންނަށް ދައްކުވައިދޭން ބަޔަކު މަސައްކަތް ކުރިޔަށް އެއީ ރައްޔިތުންނަށް އޮޅުވާލައި އެ ޝަރީއަތުގެ އަސްލު ނަގާލުމަށް މަސައްކަތް ކޮށްފައިވާ ގާނޫނެއްކަމަށެވެ.

ގާނޫނުލް އުގޫބާތުގައިވާ އިސްލާމީ ޝަރީއަތާ ހިލާފު ކަންތައްތައްކަމުގައި ސަލަފުން ގަބޫލުކުރާ ގިނަ ކަންތައްތަކެއް ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ.

އެގޮތުން ފާހަގަކޮށްފައިވާ އެއްކަމަކީ އިސްލާމީ ޝަރީއަތުގައި ހައްދު ކަނޑައަޅާފައިވާ ކުށްތައް ކަމަށްވާ ވައްކަމާއި ހަރާބާއާއި މުރުތައްދުވުން ފަދަ ކަންކަމުގެ، ހައްދުގެ އަދަބު ގާނޫނުލް އުގޫބާތުގައި ނުވާކަން ސަލަފުން ފާހަގަކޮށްފައި ވެއެވެ. ގާނޫނުލް އުގޫބާތު އިސްލާމީ ޝަރީއަތާއި ހިލާފަށް ހަދާފައި ވާތީ ކުށްވެރިން ސަލާމަތް ވުމަށް ފަސޭހަ މަގުތަކެއް އޮތުމާއި އެކުގައި ވެސް އިންސާނިއްޔަތާއި ހިލާފު މިންގަނޑުތަކެއް ވެސް ގާނޫނުލް އުގޫބާތުން ދެވެން އޮތްކަން ސަލަފުން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން އިސްލާމީ ޝަރީއަތުގައި މީހަކަށް މަރުގެ އަދަބު ނުދެވޭ ފަދަ ހާލަތްތަކެއްގައި މަރުގެ އަދަބު ދެވޭ ގޮތަށް އޮތްކަމަށް ސަލަފުން ބުނެފައި ވެއެވެ.

"އިސްލާމީ ޝަރީއަތުގައި މަރުގެ އަދަބުދޭން ހައްގު ނޫން މަޙައްލުތަކެއްގައި މީހުންގެ މައްޗަށް މަރުގެ އަދަބު ކަނޑައަޅައި، އިންސާނިއްޔަތާ ހިލާފު ހަރުކަށި މިންގަނޑުތަކެއް މިޤާނޫނުން ނަގަހައްޓާފައިވާކަން ފާހަގަ ކުރެވެއެވެ." ސަލަފުގެ ބަޔާނުގައި ވެއެވެ.

އާ ގާނޫނުލް އުގޫބާތަށް އަމަލުކުރަން ފަށަން ޖެހެނީ މާދަމާ ކަމަށް ވާތީ އެ ގާނޫނަށް އަމަލު ކުރުން ތިން މަސްދުވަހަށް ފަސްކުރުމަށް ސަރުކާރުން މިހާރު ވަނީ މަޖިލީހަށް ހުށަހަޅާފައެވެ. އެމައްސަލައަށް މަޖިލީހުގައި ވޯޓަށް އެހުން އޮތީ މިއަދު މެންދުރުފަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް