ތަމްރީން ތަކުގައި ކުއްތާ ބޭނުންކުރި ފުރަތަމަ ފަހަރުވެސް މަސްތުވާތަކެތި ހޯދައިފި

ރާއްޖެ ގެނައި ކުއްތާތައް ބޭނުންކޮށްގެން ފުލުހުން ރޭ މާލޭގައި ހިންގި ފުރަތަމަ އޮޕަރޭޝަނުން ވެސް ހެންވޭރުކޮޅު ގެއަކުން މަސްތުވާތަކެތި ހޯދައިފި އެވެ. ނަމަވެސް އެކަމާ ގުޅޭގޮތުން ފުލުހުން އެއްވެސް އެއްޗެއް...

12 Apr 2015 | 04:44

ރާއްޖެ ގެނައި ކުއްތާތައް ބޭނުންކޮށްގެން ފުލުހުން ރޭ މާލޭގައި ހިންގި ފުރަތަމަ އޮޕަރޭޝަނުން ވެސް ހެންވޭރުކޮޅު ގެއަކުން މަސްތުވާތަކެތި ހޯދައިފި އެވެ.

ނަމަވެސް އެކަމާ ގުޅޭގޮތުން ފުލުހުން އެއްވެސް އެއްޗެއް ނުބުނެ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ކުއްތާ ބޭނުންކޮށްގެން މަސްތުވާތަކެތި ހޯދާފައިވަނީ ހ. ކާނޭޝަން ލޮޖް ކިޔާ ގެއަކުންނެވެ.

ރޭގެ ހާއްސަ އޮޕަރޭޝަނުގައި މާލޭގެ ބައެއް ގޭގެއަށް ކުއްތާއާ އެކު ފުލުހުން ވަނެވެ. އަދި ބައެއް މީހުންނަށް ވަރަށް ބޮޑު ހައިރާންކަމެއް ލިބުނު އިރު އަނެއް ބަޔަކު ވަރަށް ބިރުން ވެސް އުޅުނު ކަމަށްވެ އެވެ.

އެގޮތުން މަސްތުވާތަކެތި ފެނުނު ގެއިން އަންހެނަކު އެވަގުތު ހޭނެތުނެވެ. ބައެއް މީހުން ބުނެފައިވަނީ އެ އަންހެން މީހާ ހޭނެތުނީ ކުއްތާ ފެނިގެންކަމެއް ނުވަތަ އެގެއިން މަސްތުވާތަކެތި ފެނިގެން ކަމެއް ނޭނގޭ ކަމަށެވެ.

ފުލުހުން ބުނީ ރޭ ހިންގި އޮޕަރޭޝަނާއި ގުޅޭ މައުލޫމާތު މިއަދު ހާމަ ކުރާނެ ކަމަށެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް ބޭނުންކުރަން ގެނައި ކުއްތާތަކަށް ހުޅުލޭގައި އަންނަނީ ތަމްރީނު ދެމުންނެވެ. އަދި އޮޕަރޭޝަންތަކުގައި އެ އެއްޗެހި ބޭނުންކުރުމުގެ ހުއްދަ މީގެ ތިން ދުވަސް ކުރިން ހޯމް މިނިސްޓަރު އުމަރު ނަސީރު ވަނީ ދެއްވައިފަ އެވެ.

މަސްތުވާތަކެއްޗާއި ދެކޮޅަށް ހިންގާ އޮޕަރޭޝަންތަކުގައި ބޭނުން ކުރަން ރާއްޖެ އަށް 16 ކުއްތާ ގެނެސްފައިވެ އެވެ. އެ އެއްޗެހި ގެންގުޅެނީ ހުޅުލޭގައި ހަދާފައިވާ ހާއްސަ ތަނެއްގަ އެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް މި ކުއްތާތައް އެއާޕޯޓްތަކުގަ އާއި ކަނޑު ބޯޓުފަހަރުގެ އިތުރުން ގޭގެ ޗެކްކުރަން ވެސް ބޭނުންކުރަން ވަނީ ހަމަޖައްސައިފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް