ދުވަހުގެ މޫސުން: އުތުރާއި މެދުގެ އަތޮޅުތަކުން މޫސުމަށް މިއަދު ސަމާލުވުމަށް މެޓުން އިލްތިމާސްކުރޭ

ދުވަހުގެ މޫސުމަށް ބަލައިލާއިރު މިއަދު އުތުރާއި މެދު ރާއްޖޭގެ އަތޮޅުތަކުގެ ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް މެޓުން އިލްތިމާސްކޮށްފިއެވެ. މޫސުމާއި ބެހޭ ޤައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖ...

12 Mar 2025 | 03:25

ދުވަހުގެ މޫސުމަށް ބަލައިލާއިރު މިއަދު އުތުރާއި މެދު ރާއްޖޭގެ އަތޮޅުތަކުގެ ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް މެޓުން އިލްތިމާސްކޮށްފިއެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން މިކަމަށް އިލްތިމާސްކޮށްފައިވަނީ މިއަދުގެ އިރު އޮއްސުމާއިހަމައަށް ލަފާކޮށް ނެރެފައިވާ މޫސުމީ ބުލެޓިންގައެވެ.

މޫސުމީ އެ ބުލެޓިންގައި ބުނެފައިވާގޮތުގައި އުތުރާއި މެދުރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެއެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުންވެސް އެކަށީގެންވެއެވެ.

"ދެކުނުގެ އަތޮޅުތަކަށް ކެރީގެ އަސަރު ކުރިނަމަވެސް، މޫސުން އާންމުގޮތެއްގައި ރަނގަޅުވާނެ" މެޓުން ބުނެފައިވެއެވެ.

މިއަދު ވަޔަށް ބަލައިލާއިރު، ދެކުނުގެ އަތޮޅުތަކަށް ހުޅަނގުއުތުރާއި އުތުރުން ގަޑިއަކު ތިން މޭލާއި 10 މޭލާއި ދެމެދުގެބާރުމިނުގައި އަދި އެހެން ހިސާބުތަކަށް އިރުއުތުރާއި އިރުން ގަޑިއަކު އަށް މޭޅާއި 18 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ބުނެފައިވެއެވެ. އަދި ވިލާގަނޑުގައިގަޑިއަކު 35 މޭލަށް ވައި ގަދަވުން އެކަށީގެންވާކަމަށްވެސް ބުނެފައިވެއެވެ.

މިއަދު ކަނޑުތަކަށް ބަލައިލާއިރު ދެކުނުގެ ކަނޑުތައް އާދައިގެވަރަކަށް މަޑު ނަމަވެސް އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް މެޓުން ބުނެފައިވެއެވެ.

މެޓުން މީގެ ދެ ދުވަސް ކުރިން ބުނެފައިވާގޮތުގައި މިހާރު ރާއްޖެއަށް ކުރަމުން މި އަންނަ ވިއްސާރައަކީ ލަންކާ ސަރަހައްދުގައި އުފެދިފައިވާ ކޮޅިގަނޑެއްގެ ސަބަބުން ކުރަމުން އަންނަ ވިއްސާރައެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް