ޕާކުކޮށްފައި އޮތް ކާރެއްގައި ސައިކަލަކުން ޖެހި އެކްސިޑެންޓްވުމުން އެކަން ރިޕޯޓުނުކޮށް ދިޔަ ދެ އަންހެނަކު ހޯދަން ދިވެހި ފުލުހުން ވީޑިއޯއެއް އާންމުކޮށްފިއެވެ.
އާންމުކުރި ވީޑިއޯއާއެކު ފުލުހުން ބުނެފައިވަނީ އެ ވީޑިއޯ އިން ފެންނަ މީހުންނަކީ ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނުން ތަހުގީގުކުރަމުންދާ، އެކްސިޑެންޓް މައްސަލައަކާ ގުޅިގެން އެކްސިޑެންޓް ވުމުން ރިޕޯޓްނުކޮށް ސީން ދޫކޮށް ގޮސްފައިވާ މައްސަލައަކާ ގުޅިގެން ހޯދަންބޭނުންވެ، އެމީހުންނަކީ ކޮންބައެއްކަން ދެނެގަނެވިފައިނުވާތީ ހޯދިފައިނުވާ މީހުން ކަމަށެވެ.
ވީޑިއޯ ފަށާތަނުން ފެންނަނީ ދެ އަންހެނަކު ކާރުގައި ޖެހުނު ކަމަށް ބެލެވޭ ސައިކަލު ނަގާ މަންޒަރެވެ. އިތުރު ބަޔަކު އެތަނަށް ގޮސް އެ ދެ އަންހެނުންނަށް އެހީވާ މަންޒަރުވެސް ވީޑިއޯއިން ފެނެއެވެ. އެއީ އެމީހުންގެ ރަހުމަތްތެރިންތަކެއް ކަމަށް ބެލެވެއެވެ. އެތަނުން އެއް އަންހެނަކު ފަހުން ދަނީ، ފަހުން އެ ސަރަހައްދަށް ދިޔަ ސައިކަލެއްގެ ފަހަތުގައެވެ. އަދި އެކްސިޑެންޓްވި ސައިކަލު ކަމަށް ބެލެވޭ ސައިކަލު އެތަނުން ދުއްވާފައި ދަނީ އެކްސިޑެންޓް ވި ވަގުތުވެސް ސައިކަލު ދުއްވަން އިންކަމަށް ބެލެވޭ އަންހެން މީހާއެވެ.
ވީޑިއޯއިން ފެންނަ މީހުންނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ އެމަޢުލޫމާތެއް ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަންގެ ނަންބަރު 9980062 އަށް ގުޅުއްވައި ހިއްސާކުރެއްވުން ފުލުހުން އެދެއެވެ. އެފަދަ މީހުން ހޯދުމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ފުލުހުން ޝުކުރު ދަންނަވައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް