ހަފްތާ 14ގެ ހުރިހާ ވައުދެއްހެން ފުއްދާ ނިމިއްޖެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު މިހެން ވިދާޅުވީ ރައީސް އޮފީހުން ސިލްސިލާގޮތެއްގައި ކުރިއަށްގެންދާ "ރައީސްގެ ޖަވާބު" ސެގްމެންޓްގައި އާންމު ރައްޔިތަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ސުވާލުގައި އަހާފައިވަނީ، ރައްޔިތުން ވެރިކަމަށް ރައީސް މުއިއްޒު ގެންނެވީ ގިނަ ވައުދުތަކެއް ވެވަޑައިގެންނެވުމުން ކަމަށާއި، ކިތައް ވައުދު ފުއްދިއްޖެތޯ؟ އެވެ.
ޖަވާބުގައި ރައީސް ވިދާޅުވީ ހުރިހާ ވައުދެއްވެސް ވީ ފުއްދަން ކަމަށާއި މަސައްކަތް ކުރަނީ އެގޮތަށް ކަމަށެވެ.
"ފުރަތަމަ 14 ހަފްތާއަށް ކަނޑައެޅި 161 ވައުދެއް، ފުއްދުމަށް އޭގެތެރެއިން ހުރިހާ ވައުދެއްހެން ކަނޑައެޅި ޓާގެޓާ ހަމައަށް ފުއްދިފަ، ދެތިން ކަމެއްހެން ހަމަ ނިމުމަކާ ގާތަށް ގޮސްފަވަނީ، 155 އަށްވުރެ ގިނަ ވައުދު ވަނީ ކަނޑައެޅިފަ އޮތް މިންވަރަށް ހާސިލުކުރެވިފަ" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކުރިއަށް އޮތްތަނުގަ ހަމަ ބައިވަރު ކަންތައްތައް ކުރަން އެބަހުރި ކަމަށާއި ކުރިއަށް އޮތް އަހަރަށް އަދި އަހަރުތަކަށް ކުރަންޖެހޭ މަސައްކަތްތައް ހިނގަމުން އަންނަ ކަމަށެވެ.
"ރަށްރަށަށް ގޮސް ރައްޔިތުންނާ ބައްދަލުކޮށް ރައްޔިތުން އެދޭ ކަންތައްތައްވެސް، ކުރަންޖެހޭ ކަންތައްތައް އެކި މިނިސްޓްރީތަކުންނާ ކުންފުނިތަކުން ވަރަށް ބާރު ސްޕީޑެއްގައި ވަނީ ފެށިފަ، ހުރިހާ ވައުދެއްވެސް ފުއްދިގެންދާނެ" ރައީސް ވިދާޅުވިއެވެ.
ރައީސް އޮފީހުން ގެނެސްދޭ ރައީސްގެ ޖަވާބު ސެގްމެންޓަކީ ރައްޔިތުން ކުރާ ސުވާލުތަކަށް ރައީސުލްޖުމްހޫރިއްޔާ ޖަވާބުދޭގޮތަށް ކުރިއަށްގެންދާ ސެގްމެންޓެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް