ފަތުރަނީ ދޮގު ވާހަކައެއް: ނައިބުރައީސް

ނައިބުރައީސް ދިރިއުޅުއްވުމަށް ހާއްސަ ކުރައްވާފައިވާ ގެކޮޅުކަމުގައިވާ ހިލާލީގެއިން ނިކުމެވަޑައިގަތްކަމަށްބުނެ ފަތުރަނީ ދޮގު ވާހަކައެއްކަމުގައި ނައިބުރައީސް ހުސެއިން މުހައްމަދު ލަތީފް (ސެމްބެ) ވިދާޅުވެއ...

12 Mar 2024 | 07:05

ނައިބުރައީސް ދިރިއުޅުއްވުމަށް ހާއްސަ ކުރައްވާފައިވާ ގެކޮޅުކަމުގައިވާ ހިލާލީގެއިން ނިކުމެވަޑައިގަތްކަމަށްބުނެ ފަތުރަނީ ދޮގު ވާހަކައެއްކަމުގައި ނައިބުރައީސް ހުސެއިން މުހައްމަދު ލަތީފް (ސެމްބެ) ވިދާޅުވެއްޖެއެވެ.

ސެމްބެ މިހެން ވިދާޅުވީ ޗެނަލް13 އިން އެކަމާއި ގުޅޭގޮތުން ފެތުރި ހަބަރު ދޮގުކޮށް ކުރެއްވި ޕޯސްޓެއްގައެވެ.

އެ ޕޯސްޓްގައި ސެމްބެ ވިދާޅުވެފައިވަނީ މިއީ އެއްވެސް ހަޤީޤަތެއް ނެތް ދޮގު ވާހަކައެއް ކަމަށާއި މުޅި މުޖުތަމަޢުގެ މަސްލަހަތު ހިމެނޭ މިފަދަ ވާހަކަތައް ފެތުރުމުގެ ކުރިން، ކަމުގެ ހަޤީޤަތް އޮޅުންފިލުވުން މުހިންމު ކަމަށެވެ.

"މިފަދަ ދޮގު ވާހަކަތައް ފެތުރުމަކީ މުޖުތަމަޢުގައި ފިތުނަފަސާދަ އިތުރުވެ މަސްލަހަތު ގެއްލޭނެ ކަމެއް. މިފަދަ ދޮގު ވާހަކަތައް ނުފެތުރުމަށް ގޮވާލަން" ސެމްބެ ވިދާޅުވެފައިވެއެވެ.

ޗެނަލް13 އިން އެފަދަ ހަބަރެއް ގެނެސްދީފައިވާއިރު ވެރިކަން ބަދަލުވިފަހުން ސެމްބެ އަދި ހިލާލީގެއަށް ބަދަލުވެވަޑައިގެންފައެއް ނުވެއެވެ. އެހެންނަމަވެސް މި ރޯދަމަހުގެ ތެރޭގައި ހިލާލީގެއަށް ބަދަލުވެވަޑައިގަންނަވާނެ ކަމުގައި ބައެއް މީޑިއާތަކަށް މައުލޫމާތުދެއްވަމުން ސެމްބެ ވިދާޅުވެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް