ރާއްޖެއަށް ފާޑު ކިޔުމުން ލަންކާ މިނިސްޓަރަށް އަމިއްލަ ރައްޔިތުންގެ ނުރުހުން!

ރާއްޖޭގެ ޓޫރިޒަމް ވަރަށް ފޫހިވާނެ ކަމަށް ބުނެ ވާހަކަ ދެއްކުމުން އަވައްޓެރި ސްރީލަންކާގެ ޓޫރިޒަމް މިނިސްޓަރު ހަރިން ފެނާންޑޯއަށް އެ ގައުމުގެ ރައްޔިތުންގެ ނުރުހުން އަމާޒުވަމުން އެބަދެ އެވެ. ޖަރުމަނުވިލާ...

12 Mar 2023 | 15:50

ރާއްޖޭގެ ޓޫރިޒަމް ވަރަށް ފޫހިވާނެ ކަމަށް ބުނެ ވާހަކަ ދެއްކުމުން އަވައްޓެރި ސްރީލަންކާގެ ޓޫރިޒަމް މިނިސްޓަރު ހަރިން ފެނާންޑޯއަށް އެ ގައުމުގެ ރައްޔިތުންގެ ނުރުހުން އަމާޒުވަމުން އެބަދެ އެވެ.

ޖަރުމަނުވިލާތުގެ ބާލިންގައި މިހާރު ކުރިޔަށްދާ ދުނިޔޭގެ އެންމެ ބޮޑު ޓޫރިޒަމް ފެއާ ކަމަށްވާ އައިޓީބީ ފެއާގައި ވާހަކަ ދައްކަމުން ފެނާންޑޯ ވިދާޅުވީ ރާއްޖޭގައި ޓޫރިސްޓުންނަށް ހިތްހަމަޖައްސާލަން ލިބޭނެ ހަމައެކަނި ތަނަކީ ރީތި ގޮނޑުދޮށްތައް ކަމަށާއި ފަސް ވަރަކަށް ދުވަހު ވާއިރަށް ފޫހިވާނެ ކަމަށެވެ.

އެއާ ހިލާފަށް ލަންކާގައި އަވަހަށް ބަަދަލުވާ މޫސުންތަކާއި ފަރުބަދަތަކާއި ގޮނޑުދޮށްތަކާއި ތަންތަނަކީ ޓޫރިސްޓުން ފޫހި ނުވެ ގިނަ ދުވަހު ޗުއްޓީ ހޭދަ ކުރުމަށް ލިބޭނެ ފުރުސަތެއް ކަމަށް ވިދާޅުވި އެވެ.

މި ވާހަކަ އާއި ގުޅިގެން އިންޓަނެޓުގައި ލަންކާ ރައްޔިތުން ބުނަމުންްދަނީ މިއީ އަމިއްލަ ގައުމެއްގެ ޓޫރިޒަމް ޕްރޮމޯޓު ކުރަން ވާނެ ގޮތް ނޫންް ކަމަށެވެ. ލަންކާ މީހަކަ ޓުވިޓާގައި ބުނީ ސިޔާސީ ބޭފުޅަކަށް ޓޫރިޒަމް ޕްރޮމޯޓްކުރުމުގެ ކަންކަން ހަވާލުކުރުމުން ވާނީ އެހެން ކަމަށެވެ.

އެހެން މީހަކު ބުނީ ބައިނަލްއަގުވާމީ ފޯރަމެއްގައި، އެހެން ގައުމެއް ގޯސްކޮށްފައި، އަމިއްލަ ގައުމު ޕްރޮމޯޓްކުރުމަކީ ޑިޕްލޮމެޓިކް ގޮތެއް ނޫންކަމަށެވެ. މިގޮތަށް ޓޫރިޒަމް ޕްރޮމޯޓު ކުރުމުން ޓޫރިޒަމް އުޖާލާވެ ނުވިދާނެ ކަމަށް ބުނެފައިވެ އެވެ.

އެހެން ލަންކާ މީހަކު ވަނީ އެ ގައުމުގެ ޓޫރިޒަމް މިނިސްޓަރަކީ ގަމާރެއްގެ ގޮތުގައި ސިފަކޮށް ދިވެހިންގެ ކިބައިން މައާފަށް އެދިފައި އެވެ. އެމީހާ ބުނީ ދެގައުމުގެ ޓޫރިޒަމް މާކެޓަކީ ތަފާތު މާކެޓެއް ކަމަށާއި މިފަދަ ވާހަތަކުގެ ސަބަބުން ދެ ގައުމުގެ ގުޅުމަށް ބުރޫ އަރާނެ ކަމަށެވެ.

އަދި އެފަދަ ވާހަކައެއް ދެއްކި އިރު ރާއްޖެ އާއި ލަންކާ އަކީ ކިހާ ގާތް އެކުވެރި ގައުމެއް ކަމާއި މެދުވެސް ވިސްނާލަން ޖެހޭ ކަމަށް މީހަކު ބުނެފައިވެ އެވެ.

ފެނާންޑޯ ވިދާޅުވީ އޭނާ ރާއްޖޭގެ ޓޫރިޒަމަށް ފާޑު ނުކިޔާ ކަމަށެވެ. އެކަމަކު ރާއްޖޭގައި ޓޫރިސްޓުން ފޫހިވާނީ އެއް ރަށެއްގައި އެއްތަނެއްގެ ބަންދުވެގެން ހުންނަން ޖެހުމުން ކަމަށެވެ.

ރާއްޖެއާއި ލަންކާ އަކީ މި ސަރަހައްދުގައި ޓޫރިޒަމްގައި ވަރުގަދަ ދެ މާކެޓެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް