ރާއްޖެ އަށް ޒިޔާރަތް ކުރާ ފަތުރުވެރިން ފަސް ދުވަހަށް ފަހު ފޫހިވާނެ ކަމަށާއި، ތިބެން ޖެހޭނީ އެއް ތަނެއްގައި ބަންދުވެފައި ކަމަށް ސްރީ ލަންކާގެ ޓޫއަރިޒަމް މިނިސްޓަރު ހަރިން ފެނާންޑޯ ވިދާޅުވެއްޖެ އެވެ.
ފެނާންޑޯ މިހެން ވިދާޅުވެފައި ވަނީ ބާލިންގައި އޮތް އައިޓީބީ 2023 ފެއާ ގައި ސްރީ ލަންކާގެ ފަތުރުވެރިކަން ޕްރޮމޯޓް ކުރުމަށް ދެއްކެވި ވާހަކައިގެ ތެރެއިންނެވެ.
އައިޓީބީ 2023 ފެއާގައި ބައިވެރިވެ ލަންކާގެ ފަތުރުވެރިކަން ޕްރޮމޯޓު ކުރުމަށް ދެއްކެވި ވަހަކައިގައި އޭނާ ވިދާޅުވެފައި ވަނީ ލަންކާގައި ފަތުރުވެރިންނަށް ވަރަށް ގިނަ ކަންކަން ކުރަން ހުންނާނެ ކަމަށެވެ. މިގޮތުން ތަފާތު އެކި ކަހަލަ ކަންތައްތައް ތަޖުރިބާ ކުރުމުގެ ފުރުސަތު ވެސް ލިބިގެންދާނެ ކަމަށެވެ.
އަދި މަދު ވަގުތު ކޮޅެއްގެ ތެރޭގައި ހަތަރު މޫސުން ސްރީ ލަންކާގައި ތަޖުރިބާ ކުރެވޭނެ ކަމަށާއި ފިނި ތަންތަނަށް ދިއުމާއި ރީތި ގޮނޑުދޮށްތަކަށް ދިއުމާއި، ސާފިންގް އަށް ދިއުމާއި، ބޮޑުމަސް ބަލަން ދިއުމާއި، ފަރުބަދަތައް މައްޗަށް ހައިކް ކުރަންވެސް ދެވޭނެ ކަމަށް އޭނާ ވިދާޅުވެފައި ވެއެވެ.
ވަރަށް ގިނަ މީހުން މިހާރު ރާއްޖޭގެ ބީޗް ތަކަށްވެސް ދާ ކަމަށާއި ނަމަވެސް ރާއްޖޭގައި އޮންނަނީ ހަމައެކަނި ބީޗް ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން އޭނާގެ މި ވާހަކަތަކަކީ ފާޑު ކިޔުމެެއް ނޫން ކަމަށާއި ރާއްޖެ އަންނަ ފަތުރުވެރިން ރާއްޖޭގައި ފަސް ދުވަހު ހުރުމަށްފަހު ފޫހިވާނެ ކަމަށް ވިދާޅުވި އެވެ. ހަމައެކަނި ރަށެއްގައި، އެއްތަނެއްގައި ބަންދުވެފައި ތިބެން ޖެހޭނެ ކަމަށާއި ނަމަވެސް ސްރީ ލަންކާ ގައި އެހެނެއް ނުވާނެ ކަމަށް މިނިސްޓަރު ފެނާންޑޯ ވިދާޅުވެފައިވެ އެވެ.
ފެނާންޑޯ ރާއްޖޭގެ ފަތުރުވެރިކަމަށް އިޝާރާތްކޮށް މި މޭރުމުން ވާހަކަފުޅު ދައްކަވާފައި ވާއިރު އޭނާގެ ވާހަކަތައް ޓްވިޓާގައި ވަރަށް ބޮޑަށް ވައިރަލްވެ އެތައް ބަޔަކު ދަނީ ހިތްހަމަނުޖެހުންފާޅު ކުރަމުންނެވެ.
މި ވީޑިއޯއަށް ކޮމެންޓު ކުރި ބައެއް ފަރާތްތަކުން ބުނެފައި ވަނީ ގައުމެއްގެ މިނިސްޓަރަކު އެހެން ގައުމަކާއި ސީދާ އަޅައި ކިޔުން ބަލައެއް ނުގަނެވޭ ކަމަށާއި މިއީ އެކަށީގެންނުވާ، ޑިޕްލޮމްސީ އާއި މުޅިން ހިލާފު ވާހަކަތަކެއް ކަމަށެވެ.
އަދި ރާއްޖެއިން މަތީ ފަންތީގެ ފަތުރުވެރިންނަށް ދޭ ހިދުމަތްތައް ލަންކާއަށް ފޯރުކޮށްނުދެވޭ ކަމެއް މިނިސްޓަރު ފެނާންޑޯއަށް ނޭނގޭ ކަމަށާއި އެކަމަކުވެސް އަމިއްލަ އަށް އެކަމުގެ ތެރެއަށް ވަދެއްޖެ ކަމަށް ކޮމެންޓް ކުރި ބައެއް ފަރާތްތަކުން ބުނެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް