ރެއާލުން އިތުރު ހުށައެޅުމެއް ނުދީފިނަމަ މޮޑްރިޗް އަލް ނަޞްރާއި ގުޅޭނެ

ސްޕެއިންގެ ރެއާލް މެޑްރިޑުން އިތުރު ހުށައެޅުމެއް ނުލިބިއްޖެ ނަމަ ކްރޮއޭޝިއާ މިޑްފީލްޑަރ ލުކަ މޮޑްރިޗް ރޮނާލްޑޯ ކުޅެމުން އަންނަ ސައުދީ ކުލަބް އަލް ނަޞްރަށް ސޮއިކުރަން ތައްޔާރަށް ހުރި ކަމަށް ރިޕޯޓުތައް ...

12 Mar 2023 | 12:24

ސްޕެއިންގެ ރެއާލް މެޑްރިޑުން އިތުރު ހުށައެޅުމެއް ނުލިބިއްޖެ ނަމަ ކްރޮއޭޝިއާ މިޑްފީލްޑަރ ލުކަ މޮޑްރިޗް ރޮނާލްޑޯ ކުޅެމުން އަންނަ ސައުދީ ކުލަބް އަލް ނަޞްރަށް ސޮއިކުރަން ތައްޔާރަށް ހުރި ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

އުމުރުން 37 އަހަރުގެ މޮޑްރިޗް އޭނާގެ މިހާރުގެ ކުލަބާއި އެކު ހަދާފައިވާ އެއްބަސްވުން މި ސީޒަނުގެ ނިޔަލަށް ހަމަވާއިރު، އިތުރު އެއްބަސްވުމަކާއި މެދު އަދި ވާހަކަ ދެކެވިފަ ނުވާކަމަށް އޭނާ ވަނީ ބުނެފައެވެ.

މޮޑްރިޗް ބުނެފައިވަނީ ރެއާލްގެ އެއްބަސްވުން މަހަވި ނަމަވެސް އޭނާ ބޭނުންވަނީ ރެއާލްގެ އެއްބަސްވުން އައުކޮށް އެ ކުލަބުގައި މަޑުކުރާށެވެ. ނަމަވެސް އަދި ކުލަބުން މޮޑްރިޗްގެ އެއްބަސްވުން އައުކުރުމާއި މެދު އެއްވެސް ވާހަކައެއް މިހާތަނަށް ދައްކާފައެއް ނުވެއެވެ.

އަލް ނަޞްރުގެ އޮފިޝަލަކާއި ހަވާލާދީ ސައުދީ މީޑިއާ ރިޕޯޓުތައް ބުނެފައިވާ ގޮތުގައި ރެއާލުން މޮޑްރިޗްގެ އެއްބަސްވުން އިތުރު ނުކޮށްދީފި ނަމަ ދެން މޮޑްރިޗް ފެންނާނީ އަލް ނަޞްރުގެ ޖާޒީގައެވެ. އެހެން ކަމުން މިވަގުތު އިންތިޒާރު ކުރަނީ މޮޑްރިޗުގެ އެއްބަސްވުމާއި މެދު ރެއާލުން ނިންމާނެ ގޮތަކާއި މެދުގައި ކަމަށް އޮފިޝަލާއި ހަވާލާދީ ރިޕޯޓުގައި ވަނީ ބުނެފައެވެ.

މޮޑްރިޗް އަކީ މިވަގުތު ރެއާލްގައި މުހިންމު ދައުރެއް އަދާކުރަމުން އަންނަ ކުޅުންތެރިއަކަށް ވާއިރު، ރެއާލުން އޭނާއަށް އިތުރު އެއްބަސްވުމެއް ދީފާނެ ކަމަށް ބެލޭކަމަށް ރިޕޯޓުތައް ބުނެއެވެ. ނަމަވެސް އަދި މިކަމާއި ގުޅިގެން ރެއާލުންވެސް އަދި މޮޑްރިޗް ވެސް އިތުރަށް ބަހެއް ބުނެފައެއް ނުވެއެވެ.

މޮޑްރިޗާއި އަލް ނަޞްރަށް ކުޅޭ ކްރިސްޓިއާނޯ ރޮނާލްޑޯ އަކީ ރެއާލްގައި އެއްކޮށް ގިނަ އަހަރުތަކެއް ވަންދެން ހޭދަކޮށް އެކުގައި ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ދެ ކުޅުންތެރިންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް