ދައުލަތުގެ އޮފީސްތަކުގެ ހަރަދަށް ކްރެޑިޓް ކާޑު ބޭނުންކުރެވޭގޮތް ހަދައި، އާންމުކޮށްފި

ދައުލަތުގެ އޮފީސްތަކުގެ ހަރަދުތަކަށް ކްރެޑިޓް ކާޑު ބޭނުންކުރެވޭނެ ގޮތް ހަދައި، އެކަމުގައި އަމަލުކުރަންޖެހޭ އުސޫލެއް އެކުލަވާލާ މިއަދު ގެޒެޓުކޮށްފި އެވެ. މި އުސޫލުގެ މަޤުސަދަކީ އޮފީސްތަކުން ކުރަންޖެހޭ ...

12 Mar 2023 | 12:18

ދައުލަތުގެ އޮފީސްތަކުގެ ހަރަދުތަކަށް ކްރެޑިޓް ކާޑު ބޭނުންކުރެވޭނެ ގޮތް ހަދައި، އެކަމުގައި އަމަލުކުރަންޖެހޭ އުސޫލެއް އެކުލަވާލާ މިއަދު ގެޒެޓުކޮށްފި އެވެ.

މި އުސޫލުގެ މަޤުސަދަކީ އޮފީސްތަކުން ކުރަންޖެހޭ މުއާމަލާތްތައް ކުރުމުގައި އިންޓަނެޓު ބޭންކިން މެދުވެރިކޮށް ނޫން ގޮތަކަށް ހިންގެން ނުހުންނަ ހާލަތްތަކުގައި އެކަމަށް ދައުލަތުގެ އޮފީސްތަކަށް ހައްލު ހޯދައިދިނުމެވެ.

އެގޮތުން މި އުސޫލުގެ ދަށުން ކާޑަށް އެދި އެކަމަށް ހާއްސަ ފޯމެއް ފިނޭންސް މިނިސްޓްރީއަށް ހުށަހަޅަންޖެހެ އެވެ.

އަދި ކާޑު ބޭނުންކުރާ މަގުސަދާއި ބޭނުންވާ ކްރެޑިޓް ލިމިޓް އަދި ނޮމިނީންގެ ތަފުސީލުތައް މި ފޯމުގައި ހިމަނަންޖެހޭނެ އެވެ.

އަދި، އެ ފޯމާއެކު އެ ކާޑު ދޫކުރާ ފައިނޭންޝަލް އިންސްޓިއުޓުގެ މައުލޫމާތު ފޯމާއި، ނޮމިނީންގެ އައިޑީކާޑު ކޮޕީ ހުށަހަޅަންޖެހޭނެ ކަމަށް އުސޫލުގައި ބަޔާންކޮށްފައިވެ އެވެ.

ހަމައެހެންމެ މި އުސޫލުގައިވާ ގޮތުން ދައުލަތުގެ އިދާރާތަކުގެ ތެރެއިން ކައުންސިލްތަކުން ކްރެޑިޓް ކާޑަށް އެދި ހުށަހަޅަން ޖެހޭނީ ލޯކަލް ގަވަމަންޓު އޮތޯރިޓީ (އެލްޖީއޭ) މެދުވެރިކޮށެވެ.

ކްރެޑިޓް ކާޑަށް ހުއްދަދީ، ފައިނޭންޝަލް އިންސްޓިއުޓަށް އެކަމަށް އެދި ހުށަހަޅާނީ ފިނޭންސް މިނިސްޓަރުގެ ހުއްދައާއެކު ފައިނޭންޝަލް ކޮންޓްރޯލާ އެވެ.

މިގޮތުން ހުއްދަ ލިބޭ އޮފީސްތަކަށް ދޫކުރެވޭ ކާޑުތަކުން ކުރާ ހަރަދުތަކަކީ މާލިއްޔަތު ގަވާއިދުގެ ދަށުން ބަޖެޓު ކުރެވިފައިވާ ހަރަދުތައް ކަމަށާއި އެ ހަރަދުތަކުގެ ތަފުސީލު ފިނޭންސް މިނިސްޓްރީއަށް ހުށަހަޅަންވާނެ ކަމަށް މި އުސޫލުގައި ވަނީ ބުނެފަ އެވެ.

މީގެ އިތުރުން އުސޫލުގައި ބުނެފައިވާގޮތުން، ދައުލަތުގެ އޮފީސްތަކަށް ދޫކުރާ ކާޑުތަކުގެ ކްރެޑިޓް ލިމިޓު ކަނޑައެޅުމުގެ ބާރު ފިނޭންސް މިނިސްޓްރީއަށް ލިބިގެންވެ އެވެ.

އަދި މި އުސޫލާއި ހިލާފުވާ ހާލަތްތަކުގައި އަމަލުކުރާނެ ގޮތާއި ކާޑު ބޭނުންކުރުން މަނާކުރާ ހާލަތްތައްވެސް ފިނޭންސް މިނިސްޓްރީން ވަނީ ބަޔާންކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް