ތުރުކީގެ ރިޔާސީ އިންތިހާބާއި އާންމު އިންތިހާބު އަންނަ މެއި މަހުގެ 14 ވަނަ ދުވަހު ބާއްވަން ނިންމައިފި އެވެ.
މިކަން އިއުލާނު ކުރެއްވީ އެ ގައުމުގެ ރައީސް ރަޖަބް ތޮއްޔިބް އުރުދުގާން އެވެ. މި ތާރީހަކީ ކުރިން އިންތިހާބުތައް ބާއްވަން ކަނޑައަޅާފައިވާ ތާރީހަށްވުރެ އެއް މަސް ދުވަސް ކުރި އެވެ.
ކުރިން އިންތިހާބު ބާއްވަން ހަމަޖައްސާފައި އޮތީ ޖޫން 18 ވަނަ ދުވަހު އެވެ. އުރުދުގާން ވިދާޅުވީ އިންތިހާބު އަވަސް ކުރަން ނިންމީ ހައްޖުގެ އަޅުކަމަށް މީހުންދާ ދުވަސްވަރާއި ޔުނިވާސިޓީ އިމްތިހާނުގެ ދުވަސްވަރާއި ހޫނު މޫސުމުގެ ޗުއްޓީ ފެށޭ ދުވަސްވަރާއި ދިމާވާތީ ކަމަށެވެ.
މި އިންތިހާބަކީ އުރުދުގާންގެ ވެރިކަން ބަދަލު ކުރުމަށް ބޭނުންވެފައި ތިބި އިދިކޮޅު ޕާޓީތަކަށް މުހިންމު އިންތިހާބަކަށް ވާނެ ކަމަށް ބައިނަލްއަގުވާމީ މީޑިއާ ރިޕޯޓުތައް ބުނެ އެވެ. އެއީ އުރުދުގާން ވެރިކަމުން ބާލަން އެ ގައުމުގެ ބޮޑެތި ހުރިހާ އިދިކޮޅު ޕާޓީތަކުން ވަނީ ކޯލިޝަން ހަދާފައި ކަމަށްވާތީ އެވެ.
އިދިކޮޅު ބޮޑު ކޯލިޝަނަނާއި ކުރިމަތިލާން ޖެހުމަކީ އުުރުގާންއަށް އޮތް ގޮންޖެހުމެކެވެ. އިންތިހާބުގެ ތާރީހު ބަދަލުވިކަން އިއުލާނު ކުރައްވަމުން ދެއްކެވި ވާހަކައިގަ އުރުދުގާން ވިދާޅުވީ އޭނާއަށް ތިން ވަނަ ދައުރެއް ނުލިބިއްޖެ ނަމަ މިދިޔަ މަހު އައި ބިން ހެލުންތަކުގައި ހާލުގައި ޖެހުނު އެތައް މިލިއަން މީހުންނަށް އެކަމުން އަރައިގަތުމާއި ދާއިމީ ބޯހިޔާވަހި ކަން ދިނުމަށް ފަށާފައިވާ މަޝްރޫއުތައް ލަސްވާނެ ކަމަށެވެ.
އުމުރުން 69 އަހަރުފުޅުގެ އުރުދުގާން އެ ގައުމުގެ ބޮޑުވަޒީރުކަމަށް ވަޑައިގެންނެވީ 2003 ވަނަ އަހަރު އެވެ. އޭގެ ފަހުން 2014 ވަނަ އަހަރުން ފެށިގެން އޭނާ އަކީ އެ ގައުމުގެ ރައީސެވެ.
އުރުގާންގެ ވެރިކަމުގައި އެގައުމުގެ އަސްކަރިއްޔާގެ ބަޔަކާއި ގުޅިގެން އިދިކޮޅުން ވަނީ ބަގާވާތް ކުރަން މަސައްކަތް ކޮށްފައި އެވެ. އެކަމަކު އެ ބަގާވާތް އުރުދުގާންގެ ސަރުކާރުން ވަނީ ނާކާމިޔާބު ކޮށްލާފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް