އާގަލާ ބޯޓުން ގެއްލުނު އިންޑިއާ ފަޅުވެރިޔާ ހޯދަން ހިންގި އޮޕަރޭޝަން ހުއްޓާލައިފި އެވެ.
އައްޑޫ ސިޓީ އާއި މާލެ އާއި ދެމެދު ދަތުރު ކުރާ މުދާ އުފުލާ މި ބޯޓުގައި އަލިފާން ރޯވެ އަޑިއަށް ދިޔައީ މިމަހުގެ ހަވަނަ ދުވަހު ހެނދުނު އެވެ. ބޯޓުގައި އަލިފާނުގެ ހާދިސާ ހިނގި އިރު އިންޑިއާ މީހާއާ އެކު 15 ފަޅުވެރިން ތިއްބެވެ.
އިންޑިއާ މީހާ ފިޔަވާ އަނެއް 14 މީހުން ކަނޑުން ނަގާފައިވަނީ ހަ ވަނަ ދުވަހުގެ ފަތިހު 4:30 ހާއިރު ކޯސްޓްގާޑުންނެވެ. އެ ބޯޓުގައި އަލިފާން ރޯވީ އެރޭ މެންދަމު 2:00 ހާއިރު އެވެ.
އެމްއެންޑީއެފުގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އިންޑިއާ ފަޅުވެރިޔާ ހޯދުމަށް ކޯސްޓުގާޑުން ކުރިޔަށް ގެންދިޔަ ސާޗް އޮޕަރޭޝަން ހުއްޓާލީ 72 ގަޑިއިރަށް ފަހު ކަމަށެވެ. މި އޮޕަރޭޝަނުގައި ކަނޑާއި ވައިގެ މަގުން ޖުމްލަ 2164 އަކަ ކިލޯމީޓަރުގެ ސަރަޙައްދެއް ވަނީ ބަލާފައި ކަމަށް ވިދާޅުވި އެވެ.
އެ ބޯޓުން ދަތުރު ކުރީ ފަސް ދިވެހި ފަޅުވެރިންނާއި ބަންގްލަދޭޝްގެ ފަސް ފަޅުވެރިންނާއި އިންޑިއާ ފަސް ފަޅުވެރިންނެވެ. ސަލާމަތްވި އެއްވެސް މީހަކަށް މާބޮޑު އަނިޔާއެއް ވެފައެއް ނުވެ އެވެ.
އޭގެ ތެރެއިން ދިވެއްސަކު މީޑިއާގައި ބުނެފައިވާ ގޮތުގައި އިންޑިއާ މީހާ ގެއްލުނީ އެންމެން ކަނޑަށް ފުންމާލި ފަހުން ކަމަށެވެ. އަދި އޭނާ ކަނޑުމަތީގައި އޮންނަން ގެންގުޅުނު ހަން ފަހުން ފެނިފައިވާ ކަމަށެވެ.
މި ހާދިސާގައި ހަތަރު މިލިއަން ރުފިޔާއަށްވުރެ ބޮޑު ގެއްލުމެއް ވެރިފަރާތަށް ވެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް