މާލެތެރޭގައި މައުދަން ގުދަންކުރުމުގެ ހުއްދައަށް އެދެން 30 ދުވަސް ދީފި

މާލޭގައި އާންމުން ދިރިއުޅޭ ގެތައް ކައިރީގައި މައުދަން ގުދަން ކުރުމުގެ ހުއްދައަށް30 ދުވަހުގެ މުއްދަތެއް އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ދީފި އެވެ. އީޕީއޭއިން މިއަދު ކުރި އިއުލާނެ...

12 Mar 2023 | 05:48

މާލޭގައި އާންމުން ދިރިއުޅޭ ގެތައް ކައިރީގައި މައުދަން ގުދަން ކުރުމުގެ ހުއްދައަށް30 ދުވަހުގެ މުއްދަތެއް އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ދީފި އެވެ.

އީޕީއޭއިން މިއަދު ކުރި އިއުލާނެއްގައި ބުނީ މާލޭގައި މީހުން ދިރިއުޅޭ ގެތަކާ ކައިރީގައި އެލްމިނިއަމާއި ދަގަނޑާއި ލޮއި ފަދަ މައުދަންތައް ގުދަންކުރުމާއި ސާފުކުރުމާއި ރީސައިކަލް ކުރުން ފަދަ މަސައްކަތް ކުރުން އިތުރުވެފައި ވާތީ އާންމުންގެ ޝަކުވާ ބޮޑުވެފައިވާ ކަމަށެވެ.

އޭގެ ތެރޭގައި އެސަރަހައްދުތަކުގައި ދިރިއުޅޭ މީހުންނަށް ތަފާތު އެކި އުދަނގޫ ވަމުންދާކަމާއި، ސިއްޙީގޮތުން އެ ފަރާތްތައް ނުރައްކަލަކަށް ހުށަހެޅުފައިވާކަމުގެ ޝަކުވާތައް ހިމެނޭ ކަމަށް ބުނެފައިވެ އެވެ.

އީޕީއޭއިން ބުނީ ކުނި މެނޭޖްކުރުމާއި ބެހޭ ގަވައިދުގެ ދަށުން ކުނި ގުދަންކުރުން ނުވަތަ ޓްރީޓްކުރުން ނުވަތަ ރީސައިކަލް ކުރުމުގެ މަސައްކަތްތައް ކުރަންވާނީ ތަންފީޒީ އިދާރާއިން ހުއްދަ ހޯދުމަށް ފަހުގައެވެ. އެގޮތަށް ހުއްދަ ނެތި އެފަދަ މަސައްކަތްތަކެއް ކުރުމަކީ އަދަބު ކަނޑައެޅިފައިވާ ކުށެއްކަން އީޕީއޭއިން ހަނދާން ކޮށްދީފައިވެ އެވެ.

އެ އިދާރާއިން ބުނީ އެ މައްސަލަ ހައްލު ކުރުމަށް އެ ފަދަ މަސައްކަތް ކުރާ ފަރާތްތަކުން މިއަދުން ފެށިގެން 30 ދުވަސްތެރޭ ހުއްދަ އަށް ފޯމު މެދުވެރިކޮށް އެ އިދާރާގައި އެދުމަށް ފުރުސަތު ހުޅުވާލާ ކަމަށެވެ. ފޯމު ހުށަހަޅާއިރު އެ ފަދަ މަސައްކަތް ކުރާ ފަރާތްތަކުން ހުންނަން ވާނީ މަސައްކަތްތައް ކުރުމަށް އަޅަންޖެހޭ ސަލާމަތީ ފިޔަވަޅުތައް އަޅާފައި ކަމަށް ބުންޏެވެ.

އީޕީއޭއިން ވަނީ އިންސާނުންގެ ސިއްޙަތާއި، އިންސާނާ ދިރިއުޅޭ ވެށި އެންމެ އެކަށީގެންވާ ގޮތުގައި ރައްކާތެރިކުރުމަށް އެންމެހާ ފަރާތްތަކުގެ އެއްބާރުލުން ދިނުމަށް އިލްތިމާސް ކޮށްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް