ގަތަރާއި ޖަރުމަނުވިލާތަށް ކުރެއްވި ދަތުރުފުޅަށް ފަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރާއްޖެ ވަޑައިގެންފި އެވެ.
ރައީސް އޮފީހުން ބުނީ އެމަނިކުފާނު އެނބުރި ވަޑައިގެންނެވީ މިއަދު ހެނދުނު ކަމަށެވެ. މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ އެކި ޤައުމުތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި މަތީ ފަންތީގެ ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގެންފައެވެ.
މި ދަތުރުފުޅުގައި ފުރަތަމަ މަންޒިލެއްގެ ގޮތުން ވަޑައިގެންފައިވަނީ ޤަޠަރުގެ ވެރިރަށް ދޯހާއަށެވެ. އެމަނިކުފާނު ވަނީ ދޯހާގައި ކުރިޔަށްދިޔަ އ.ދ.ގެ އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ ފަސްވަނަ ކޮންފަރެންސްގެ ޖެނެރަލް ޑިބޭޓްގައި ވާހަކަފުޅު ދައްކަވާފައެވެ. މި ކޮންފަރެންސްގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އ.ދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓާރޭޒްއާ ބައްދަލުކުރައްވާފައެވެ.
ހަމަ އެއާއެކު މި ދަތުރުފުޅުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ވަނީ ސޭޝެލްސް، ފަލަސްޠީން، ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ޓިމޯރ-ލެސްޓޭގެ ރައީސްއާއި، އ.ދ.ގެ އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ ގުރޫޕުގެ ޗެއަރ އަދި މަލާވީގެ ރައީސްގެ އިތުރުން އދ. ގެ އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ 5 ވަނަ ކޮންފަރެންސްގެ ހަވާސާގައި ރިޕަބްލިކް އޮފް ސާބިއާގެ ރައީސްއާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުންތަކުގައި އެމަނިކުފާނު ވަނީ ދިވެހިރާއްޖެއާއި އެޤައުމުތަކުގެ ދެމެދުގައި އޮތް ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، އެ ޤައުމުތަކާ އިތުރަށް ގުޅުން ބަދަހިކުރެއްވުމާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގެ ދެވަނަ މަންޒިލެއްގެ ގޮތުން އެމަނިކުފާނު ވަޑައިގެންނެވީ ޖަރުމަންވިލާތަށެވެ. އެމަނިކުފާނު ޖަރުމަންވިލާތަށް ކުރެއްވި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒުނާ އަޙްމަދު ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ ޖަރުމަނު ވިލާތުގެ ބަރލިންގެ މެސޭ ބަރލިންގައި މިހާރު ކުރިޔަށްދާ، ދުނިޔޭގެ ފަތުރުވެރިކަމުގެ އެންމެ ބޮޑުފެއާ ކަމުގައިވާ، އިންޓަރނޭޝަނަލް ޓުއަރިޒަމް ބޯސޭ (އައި.ޓި.ބީ) ބަރލިން ފެއާއަށް ޒިޔާރަތް ކުރައްވާފައެވެ.
މި ދަތުރުފުޅުގައި ޖަރުމަނުގައި ހުންނަވާ ދިވެހިރާއްޖޭގެ އޮނަރަރީ ކޮންސުލް ޖެނެރަލް، ކްރިސްޓިއަން ފޮން ސްޓެޓެން އަދި އޮނަރަރީ ކޮންސުލް، އެންޑްރިއާސް ޕީޓާ ވިއްޓެ ވަނީ ރައީސުލްޖުމްހޫރިއްޔާ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވާފައެވެ. އަދި މި ދަތުރުފުޅުގެ އެންމެ ފަހުގެ ރަސްމީ ބައްދަލުވުމެއްގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ވަނީ ޖަރުމަނުގެ ރައީސް އާ ބައްދަލުކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް