އެމެރިކާ ސަރުކާރުގެ އިސް ބައެއް ފަރާތްތަކާ ސްޓޭޓް މިނިސްޓަރު ޚަލީލް ބައްދަލުކުރައްވައިފި

ޢޭމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގެ ދެކުނު އަދި މެދުތެރޭ އޭޝިއާއާ ބެހޭ އެންމެ އިސްވެރިޔާ އަދި އެސިސްޓަންޓް ސެކްރެޓަރީ އޮފް ސްޓޭޓް ޑޮނަލްޑް ލޫ އާއި މިނިސްޓަރު އޮފް ސްޓޭޓް ފޯ ފޮރިން އެފެއާޒް އަހުމަދު ހަލީލ...

12 Mar 2022 | 08:40

ޢޭމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގެ ދެކުނު އަދި މެދުތެރޭ އޭޝިއާއާ ބެހޭ އެންމެ އިސްވެރިޔާ އަދި އެސިސްޓަންޓް ސެކްރެޓަރީ އޮފް ސްޓޭޓް ޑޮނަލްޑް ލޫ އާއި މިނިސްޓަރު އޮފް ސްޓޭޓް ފޯ ފޮރިން އެފެއާޒް އަހުމަދު ހަލީލް  އެމެރިކާގެ ވެރިރަށް ވޮޝިންޓަން ޑީސީ ގައި ބައްދަލުކުރައްވައިފި އެވެ.

މީގެ އިތުރުން ޔޫއެސް އޭޖެންސީ ފޯ އިންޓަނޭޝަނަލް އެއިޑް (ޔޫއެސް އޭއައިޑީ) ގެ ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގެ ކަންތަކާ ހަވާލުވެ ހުންނެވި އެކްޓިން ޑެޕިއުޓީ އެސިސްޓަންޓް އެޑްމިނިސްޓްރޭޓާ ތިއޮޑޯރާ ޑެލް އާއިއެކުވެސް ސްޓޭޓް މިނިސްޓަރު ހަލީލު ވަނީ ބައްދަލުކުރައްވާފައެވެ.

އެމެރިކާގެ އެސިސްޓަންޓް ސެކްރެޓަރީ އޮފް ސްޓޭޓް ޑޮނަލްޑް ލޫ އާއިއެކު ބޭއްވެވި މަޝްވަރާތަކުގައި ދެ ބޭފުޅުން ވަނީ އެމެރިކާއާއި ދިވެހިރާއްޖެއާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުމާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާފައެވެ. އަދި ދިވެހިރާއްޖޭގައި އެމެރިކާގެ އެމްބަސީއެއް ގާއިމްކުރުމަށް ކުރެވޭ މަސައްކަތްތަކާ ބެހޭ ގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.

އަދި މީގެއިތުރުން މިދެބޭފުޅުންވަނީ ތައުލީމާއި ތިމާވެށި އަދި މޫސުމީ ބަދަލުތަކާ ގުޅޭ ގޮތުން އިތުރަށް ގުޅުން ބަދަހިކުރުމާއި ބައިނަލްއަފްވާމީ މަސްރަހުގައި ހިނގާ ދެ ގައުމާ ގުޅުން ހުރި ކަންތައްތަކާ ބެހޭ ގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.

ޔޫއެސް އޭއައިޑީ އާއެކު ސްޓޭޓް މިނިސްޓަރު ކުރެއްވި މަޝްވަރާތަކުގައި އެ އޭޖެންސީގެ އެހީތެރިކަމާއެކު ދިވެހިރާއްޖޭގައި މިހާރު ހިންގަމުންދާ އެކިއެކި ޕްރޮޖެކްޓްތަކާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވިއެވެ.

ސްޓޭޓް މިނިސްޓަރުގެ އަރިހުގައި ދިވެހިރާއްޖެއިން އެމެރިކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ތިލްމީޒާ ހުސެން އާއި އެމްބަސީގެ މިނިސްޓަރ-ކައުންސެލާ ހަސަން އާދަމްގެ އިތުރުން މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގެ ޖޮއިންޓް ސެކްރެޓަރީ ޝިއުނީން ރަޝީދު އާއި ކޮމިއުނިކޭޝަން ޑިރެކްޓަރ މިއުވާން މުހައްމަދުވެސް ބައިވެރިވެވަޑައިގަތެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް