މިއަދު ހަވީރު ހުޅުމާލޭގައި ވެރިކަން ކުރާ އެމްޑީޕީން ކެމްޕެއިން ޖަލްސާ ބޭއްވީ އެޗްޕީއޭގެ ހުއްދަ ހޯދައިގެން ކަމަށް އެ ޕާޓީން ބުނެފި އެވެ.
އެމްޑީޕީން މިއަދު ހުޅުމާލޭގައި ކުރިޔަށް ގެންގޮސްފައިވަނީ ހުޅުމާލޭ ދާއިރާއަށް އެ ޕާޓީގެ ޓިކެޓުގައި ކައުންސިލް އިންތިހާބުގައި ވާދަ ކުރާ ކެންޑިޑޭޓު ރިޒްނާ ޒަރީރުގެ ކެމްޕެއިން ޖަލްސާ އެކެވެ. މި ޖަލްސާގައި އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގެންނެވި އެވެ.
އެ ޖަލްސާ އަކީ އެޗްޕީއޭއިން ހުއްދަ ނަގައިގެން ބޭއްވި ޖަލްސާއެއްކަން ކަށަވަރު ކޮށްދިނުމަށް ހުޅުމާލޭ ދާއިރާގެ މަޖިލީސް މެމްބަރު އަލީ ނިޔާޒު ވަނީ އެޗްޕީއޭއިން ދޫކޮށްފައިވާ ލިޔުން ޓުވިޓާގައި އާންމު ކުރައްވާފައި އެވެ. ނިޔާޒު ވިދާޅުވީ އެ އިވެންޓަކީ އެޗްޕީއޭގެ ހުއްދަ އާއި އެކު ބޭއްވި އިވެންޓެއް ކަމަށެވެ.
މި ޖަލްސާގައި ރިޒްނާގެ ކެމްޕެއިން ޖަހަގަ ހުޅުވައިދެއްވީ ރައީސް ނަޝީދެވެ. މި ޖަލްސާގައި އެ ޕާޓީއަށް ނިސްބަތްވާ ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވެފައިވާއިރު ބައެއް ތަންތަނުގައި ގައިދުރު ކަމުގައި ތިބި އިރު އަނެއްބައި ތަންތަނުގައި އެންމެން ތިބީ ކައިރި ކައިރީގައި ބޮނޑިވެގެންނެވެ.
https://twitter.com/ali_niya/status/1370374001491542016
އެމްޑީޕީން މިހެން ބުނެފައި މިވަނީ އެޗްޕީއޭގެ ގައިޑްލައިނާ ހިލާފަށް އެމްޑީޕީއަށް ޖަލްސާތަކާއި އެއްވުންތައް ބޭއްވޭ ކަމަށް ބުނެ ފާޑު ކިޔުން އަމާޒުވާން ފެށުމުންނެވެ.
މި ޖަލްސާއަށް ހުއްދަ ދިނުމުން އިދިކޮޅު ޕީޕީއެމްއިން ވަނީ އެޗްޕީއޭއަށް ވަރަށް ބޮޑަށް ފާޑު ކިޔާފައި އެވެ. އަދި ގިނަ ބަޔަކު ދަނީ ފުލުހުން އެ އެއްވުން ކުރިޔަށް ގެންދަން ފުރުސަތު ދިނީ ކީއްތޯ ސުވާލު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް