ހަނިމާދޫގައި ކޯވިޑް ވެކްސިން ދިނުން މެދުކެނޑިފައި

ހދ. ހަނިމާދޫގައި ކޯވިޑް-19 ވެކްސިން ދިނުން މެދުކަނޑާލަން ޖެހިއްޖެ އެވެ. އެ ރަށު ސިއްހީ މަރުކަޒުން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ ވެކްސިން ޕްރޮގްރާމް މެދުކަނޑާލަން ޖެހުނީ އެ ރަށަށް ފޮނުވައިވާ ޑ...

12 Mar 2021 | 16:28

ހދ. ހަނިމާދޫގައި ކޯވިޑް-19 ވެކްސިން ދިނުން މެދުކަނޑާލަން ޖެހިއްޖެ އެވެ.

އެ ރަށު ސިއްހީ މަރުކަޒުން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ ވެކްސިން ޕްރޮގްރާމް މެދުކަނޑާލަން ޖެހުނީ އެ ރަށަށް ފޮނުވައިވާ ޑޯޒުތައް ހުސްވުމުން ކަމަށެވެ. ޕްރޮގްރާމް މެދުކަނޑާލާފައިވަނީ ވެކްސިން ލިބެންދެން ކަމަށް ބުނެފައިވެ އެވެ.

އެރަށުން "ދުވަސް" އަށް މައުލޫމާތު ދިން މީހަކު ބުނީ ހަނިމާދޫގައި ވެކްސިން ޖެހުމަށް ޝަރުތު ހަމަވާ ގާތްގަނޑަކަށް 1،600 މީހުން ދިރިއުޅޭ ކަމަށެވެ. އެމީހާ ބުނީ  ގިނަބަޔަކު ވެކްސިން ޖަހަން ތައްޔާރަށް ތިއްބައި ކުއްލިޔަކަށް ޕްރޮގްރާމް މެދު ކަނޑާލުމުން އާއްމު ރައްޔިތުން ހިތްހަމަ ނުޖެހުންފާޅު ކުރަމުންދާ ކަމަށެވެ.

މިކަމާއި ގުޅޭގޮތުން އެޗްއީއޯސީ އާއި ސުވާލު ކުރުމުން ބުނީ މައުލޫމާތު ސާފު ކުރުމަށް ފަހު ޖަވާބެއް ދޭނެ ކަމަށެވެ.

ހަނިމާދޫގައި ކޯވިޑް-19 ރައްކާތެރިވާން ވެކްސިން ޖަހަން ފަށާފައި ވަނީ މިދިޔަ މަހުގެ 16 ވަނަ ދުވަހު އެވެ. މިހާތަނަށް އެރަށުގައި ވެކްސިން ދީފައިވަނީ 600 މީހުންނަށް ކަމަށް ސިއްހީ މަރުކަޒުން މައުލޫމާތުދެ އެވެ.

އެހެން ރަށްރަށެކޭ އެއްގޮތަށް ހަނިމާދޫގައިވެސް ފުރަތަމަ ވެކްސިން ދީފައިވަނީ ފްރޮންޓްލައިންގައި މަސައްކަތް ކުރާ ފަރާތްތަކަށެވެ. އޭގެ ފަހުން 65 އަހަރާއި 50 އަހަރުން މަތީގެ މީހުންނަށް ވެކްސިން ދޭން ވަނީ ފަށާފައި އެވެ.

މިހާތަނަށް ރާއްޖޭގައި 186،930 މީހުންްނަށް ކޯވިޑް ވެކްސިން ދީފައިވެ އެވެ. އޭގެ ތެރެއިން 81،094 މީހުންނަށް ވެކްސިން ދީފައިވަނީ އަތޮޅުތެރޭގައި ގާއިމް ކޮށްފައިވާ ސެންޓަރުތަކުންނެވެ.

އަތޮޅު ތެރޭގައި 169 ސެންޓަރެއްގައި ކޯވިޑް ވެކްސިން ދެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް