މިއަދު އިދިކޮޅު ކޯލިޝަނުން ކުރި މުޒާހަރާއިން 24 މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން ކޮންމެ ހުކުރު ދުވަހު ސިލްސިލާކޮށް މުޒާހަރާ ކުރަމުން ދަނީ "މަގޭ ފްލެޓު ކޮބާ" ގެ ނަމުގައިއެވެ. މިއަދުވެސް މާލޭގެ އެކި ސަރަހައްދުތަކުގައި އިދިކޮޅު ސަޕޯޓަރުން މުޒާހަރާ ކޮށްފައިވެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިއަދުގެ މުޒާހަރާއިން މިހާތަނަށް 24 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. އިތުރު ތަފްސީލް އަދި ހާމައެއް ނުކުރެ އެވެ.
މިދިޔަ ހުކުރު ދުވަހު އިދިކޮޅު ކޯލިޝަނުން ކުރި މުޒާހަރާއިން 38 މީހަކު ހައްޔަރުކޮށްފައިވެ އެވެ. އެ ދުވަހު ހައްޔަރު ކުރި މީހުން އެޗްޕީއޭގެ ގައިޑްލައިނާ ހިލާފުވުމުން ޖޫރިމަނާ ކުރުމުގެ އިތުރުން އެމީހުން ކޯވިޑަށް ޓެސްޓު ކުރަން ފުލުހުން މަސައްކަތް ކުރިއެވެ.
ފުލުހުން ބުނީ ހައްޔަރު ކުރި އެންމެން ސާމްޕަލް ދޭން ދެކޮޅު ހެދުމުން ކޯވިޑަށް ޓެސްޓުކޮށްފައި ނުވާނެ ކަމަށެވެ. އެ ދުވަހު އެމީހުން ކޯވިޑަށް ޓެސްޓު ކުރަން މަސައްކަތް ކުރީ ގިނަ އަދަދެއްގެ ފުލުހުންނާއި ކޮންޓެކްޓު ވުމުގެ އިތުރުން ޕޮލިސް ކަސްޓޯޑިއަލް (އަތޮޅުވެހި) އަކީ ގިނަ ބަޔަކު ބަލަހައްޓާ ތަނަކަށް ވާތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށް އެދުވަހު ފުލުހުން ބުންޏެވެ.
އިދިކޮޅުން ކޮންމެ ހުކުރު ދުވަހު މުޒާހަރާ ކުރަމުންދަނީ ފުލުހުންގެ އިންޒާރަށް ބެލުމެއް ނެތި އެވެ. ފުލުހުން ވަނީ އެ މުޒާހަރާތަކަކީ އެޗްޕީއޭ ގައިޑްލައިނާ ހިލާފަށް ކުރާ މުޒާހަރާ ތަކަކަށްވާތީ އިންޒާރު ދިނުމަކައި ނުލާ ރޫޅާލާނެ ކަމުގެ އިންޒާރު ދީފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް