ފޮޓޯގްރަފީއާއި އިންޖިނިއަރިންގް އަދި މަސްވެރިކަމުގައި އުޅޭ ޒުވާން ބައެއް ފަރާތްތަކުގެ ނަން ފާހަގަ ކުރަމުން، މަޝްހޫރު "ޒުވާން މަސްވެރިޔާ" ބުނީ، މަސްވެރިކަމާއި ޓޫރިޒަމް ޕްރޮމޯޓް ކުރަން މަގުފަހިކޮށްދީފި ނަމަ، އުފަލާއެކު އެކަން ކުރާނެ ކަމަށެވެ. އަދި އެކަން ވަރަށް ފުރިހަމައަށް ކުރާނެ އެތަކެއް ޒުވާނުން އެބަ ތިބި ކަމަށެވެ.
ކޮންމެ އަހަރަކު ޓޫރިޒަމް އާއި މަސްވެރިން ޕްރޮމޯޓް ކުރުމަށް އެތަކެއް މިލިއަން ރުފިޔާއެއް ހަރަދު ކުރަމުން ދާއިރު، އެ ދެެ ސިނާއަތް ޕްރޮމޯޓް ކޮށްދެވޭ ވަރުގެ އެތަކެއް ޒުވާނުން އެބަ ތިބި ކަމަށާއި، އެފުރުސަތު އެ ޒުވާނުންނަށް ފަހި ކޮށްދީފި ނަމަ، އުފަލާއެކު އެމަސައްކަތް ކުރާނެ ކަމަށް ޒުވާން މަސްވެރިޔާ ބުންޏެވެ.
"އަހަރެން ދެކޭ ގޮތުގައި ދިވެހި ޒުވާނުންނަށް ޓޫރިޒަމް އަދި މަސްވެރިކަން ޕްރޮމޯޓް ކުރަން މަގުފަހި ކޮށްދީފިއްޔާ ހަމަ ޔަގީނުންވެސް މާ އުފަލާއެކު އެކަން ކުރާނެކަން ޝައްކެއްވެސް ނެތް." ޒުވާން މަސްވެރިޔާ ބުންޏެވެ.
ޒުވާން މަސްވެރިޔާ ބުނީ، ރާއްޖޭގެ ރީތިކަން ދުނިޔެއަށް ޕްރޮމޯޓް ކޮށްދޭން މިހާތަނަށް އެތައް މަސައްކަތެއް ކޮށްފައި ވާނެ ކަމަށާއި، އެކަމުގެ ސަބަބުން އެތައް ބަޔަކަށް ރާއްޖޭގެ ރީތިކަމާއި ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ފެނިފައި ވާނެ ކަމަށެވެ.
" މިހާތަނަށް އެއްވެސް ސަރުކާރަކުން އަހަރެން މިކުރާ ކަމަކަށް އެއްބާރުލުން ދީފަ ނުވާއިރު، އަހަރެން ކުރި ބުރަ މަސައްކަތުން މިހާރު ދުނިޔޭގެ 100 މިލިއަން މީހުނާ ކައިރި އަދަދަކަށް ރާއްޖޭގައި މަސްވެރިކަމާއި އަދި ގުދުރަތީ ރީތިކަން ދައްކާދެވިއްޖެ" ޒުވާން މަސްވެރިޔާ ބުނެފައިވެއެވެ.
"ދިވެހި ޒުވާނުންނަށް މަގުފަހި ކޮށްދީފިއްޔާ، އަހަރެމެން ވަރަށް ފުރިހަމައަށް މިކަން ކުރާނެ ކަމުގެ ޝައްކެއްވެސް ނުކުރަން" ޒުވާން މަސްވެރިޔާ ބުންޏެވެ.
ފާއިތުުވެ ދިޔަ 6 އަހަރު ތެރޭގައި މަސްވެރިކަން ޕްރޮމޯޓް ކުރުމާއި، ވަކި ޕާޓީއަކަށް ނުބަލައި ހައްގަބަސް ބުނަމުން ދާ ކަމަށް ވެސް މީގެ ކުރިން ޒުވާން މަސްވެރިޔާ ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް