އިދިކޮޅު ޕީޕީއެމްގެ އޮފީސް ފުލުހުން ބަންދު ކުރާނީ ކުރިޔަށް އޮތް ކައުންސިލް އިންތިހާބަށް ނުފޫޒު ފޯރާ ކަމަށް ބުނެ އިލެކްޝަންސް ކޮމިޝަނަށް ޝަކުވާ ހުށަހަޅައިފި އެވެ.
ޕީޕީއެމް އިން ހުށަހެޅި ޝަކުވާ ގައި ބުނެފައިވަނީ ފުލުހުންގެ އެ އޮފީސް ބަންދުކޮށް މީހުންނަށް ވަދެ ނުކުމެވާން ހުރަސް އަޅާތީ އިންތިހާބާއި ގުޅުން ހުރި މަސައްކަތްތައްކުރަން އުނދަގޫވާ ކަމަށެވެ. އެގޮތުން އިންތިހާބަށް ރީރެޖިސްޓްރީ ކުރުމުގެ ކަންކަމަށްވެސް ހުރަސްތަކެއް ކުރިމަތިވި ކަމަށެވެ.
ޕީޕީއެމްއިން ބުނީ ކޮންމެ ހުކުރު ދުވަހު މެންދުރު 2:00 ން ފެށިގެން ދަންވަރު ވަންދެން ފުލުހުން އެތަނުގެ ސެކިއުރިޓީ ބަލަހައްޓާ ވަންނަ މީހުންނަށް ހުރަސް އަޅާ ކަމަށެވެ. އަދި އޮފީހަށް ވަދެ އުޅޭ މީހުންނާ ސުވާލުކޮށް، ބައެއް މީހުން ހައްޔަރު ކުރަމުންދާ ކަމަށް ވެސް ޕީޕީއެމް އިން ބުންޏެވެ.
ސަރުކާރުން އިންތިހާބަށް ނުފޫޒު ފޯރުވުމުގެ ގޮތުން ހިންގާ އަމަލުތައް ހުއްޓުވަން އެދޭ ކަމަށާއި ކެނޑިޑޭޓުންނަށް ހަމަހަމަ ކަމާއި މިނިވަންކަމާއެކު އިންތިހާބު ބޭއްވޭނެ މާހައުލެއް ގާއިމުކޮށްދިނުމަށް ޕީޕީއެމުން ވަނީ އެދިފަ އެވެ.
ފުލުހުން ޕީޕީއެމް އޮފީހާއި އެ ސަރަހައްދު ބަންދު ކުރަނީ އެޗްޕީއޭގެ ގައިޑްލައިނާ އެއްވުންތައް ބާއްވާ ކަމަށް ބުނެ އެވެ. ފުލުހުން ބުނީ ކޯވިޑް ފެތުރުމަށް ކޮންޓްރޯލް ކުރުމަށް އެއްވުންތައް ބޭއްވުމުގެ ފުރުސަތު ނުދޭނެ ކަމަށެވެ.
މި އެއްވުންތަކުން ކޮންމެ ހުކުރު ދުވަހު ގިނަ ބަޔަކު ހައްޔަރު ކުރެ އެވެ. އެކަމަކު އެމީހުން ގައިޑްލައިނާ ހިލާފުވިކަމަށް ނިންމައި ޖޫރިމަނާ ކުރުމަށް ފަހު ދޫކޮށްލަނީ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް