ކެމްޕޭނު ކުރުމަށް ކަރަންޓީނު ނުވެ ރަށްރަށަށް ދެވޭގޮތަށް އުސޫލެއް އާންމުކޮށްފައިވާއިރު އެކަމާ އާންމު ރައްޔިތުންވެސް ވަރަށް ބޮޑަށް ފާޑުކިޔަމުން އަންނައިރު، ޑރ. އަބްދުﷲ ނިޔާފް ވެސް މިކަމާ ހިތްހަމަނުޖެހޭކަން ނުސީދާ ގޮތެއްގައި ހާމަކޮށްފިއެވެ.
އެގޮތުން ޑރ. ނިޔާފް ދެ ޓްވީޓެއް ކުރައްވާފައިވާއިރު އެއް ޓްވީޓްގައި ވިދާޅުވެފައިވަނީ މިއީ ނޭފަތް ނުފޮރުވޭގޮތަށް މާސްކު އަޅަން އެންގުން ކަހަލަ ކަމެއް ކަމަށެވެ.
އަނެއް ޓްވީޓްގައި ޓްވީޓް ކުރައްވާފައިވަނީ ފޯބްސްގެ ލިންކެކެވެ. ސުރުހީއަކީ "ސަމް އެނިމަލްސް އާރ މޯރ އީކުއަލް ދޭން އަދާސް" ކަމަށެވެ.
ފޯބްސްގެ އެ އާޓިކަލް މައިގަނޑުގޮތެއްގައި ބިނާކޮށްފައިވަނީ ނޮވެލިސްޓް ޖޯޖް އޯވެލްސްގެ އެނިމަލް ފާމް ނޮވެލްއަށެވެ.
އެ ނޮވެލްގައި ބުނާގޮތުން ޖަނަވާރު ފާމެއްގައި އުސޫލުތަކެއް ކަނޑައަޅައެވެ. އަދި ހަރުދަނާ އެ އުސޫލުތަކަށް، ބާރުގަދަ ބައެއް ޖަނަވާރުތައް ފަހުން ބަދަލުގެނެއެވެ. އެ ގެންނަ ބަދަލުގައި މައިގަނޑުގޮތެއްގައި ބުނަނީ "އޯލް އެނިމަލްސް އާ އީކުއަލް، ބަޓް ސަމް އެނިމަލްސް އާ މޯރ އީކުއަލް ދޭން އަދާސް" ކަމަށެވެ.
ރާއްޖޭގައިވެސް ކޮވިޑު ހާލަތުގައި މިވަނީ މިފަދަ ގޮތެއް ކަމަށް ކަންބޮޑުވާ ފަރާތްތަކުން ދެކެއެވެ. ހާއްސަ ހުއްދައިގެ ދަށުން އައްޑޫ ސިޓީއަށް ދިޔަ ބައެއްގެ ސަބަބުން އެ ސިޓީ ވެއްޓުނު ނުރައްކަލުން އަދިވެސް އަރައިނުގަނެވިގެން އުޅެނިކޮށް، ކެމްޕޭނަށް ކަރަންޓީނު ނުވެ ދެވޭ އުސޫލެއް އެކުލަވާލުމުން ގިނަ ބަޔަކު އަންނަނީ މިކަމާ ނުރުހުން ފާޅުކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް