ޔޫރޮޕާ ލީގު: ފަހުވަގުތު ޖެއާ ކާމިޔާބުކޮށްދިން ގޯލުން މިލާން ސަލާމަތް ވެއްޖެ

ޔޫރޮޕާ ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި ރޭ އިނގިރޭސި ކުލަބު މެންޗެސްޓާ ޔުނައިޓެޑާއި އިޓަލީގެ އޭސީ މިލާން ބައްދަލު ކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ. ޔުނައިޓެޑްގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު...

12 Mar 2021 | 04:14

ޔޫރޮޕާ ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި ރޭ އިނގިރޭސި ކުލަބު މެންޗެސްޓާ ޔުނައިޓެޑާއި އިޓަލީގެ އޭސީ މިލާން ބައްދަލު ކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.

ޔުނައިޓެޑްގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މި މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއިންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމިގެން ދިޔައީ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި އެއްވަރުވެ އޮވެއެވެ. އެހެން ނަމަވެސް ދެ ޓީމަށް ވެސް ލަނޑު ޖަހަން ފުރުސަތު ލިބުނެވެ. މެޗުގެ ފުރަތަމަ ހާފުގައި މިލާނުން ވަނީ ދެ ގޯލެއް ޖަހައިފައެވެ. ނަމަވެސް އޭގެ ތެރެއިން އެއް ގޯލު އޮފްސައިޑް ކަމަށް ނިންމާފައިވާއިރު، ދެވަނަ ގޯލު ކެންސަލް ކުރީ ވީއޭއާރު ބެލުމަށް ފަހު މިލާންގެ ކުޅުންތެރިޔާގެ އަތުގައި ބޯޅަ ޖެހިފައިވާކަމަށް ބުނެއެވެ.

މެޗުގައި ފެނިގެން ދިޔަ ގެ ގޯލުވެސް ފެނިގެން ދިޔައީ މެޗުގެ ފަހު ހާފުގައެވެ. އެގޮތުން މެޗުގެ ފުރަތަމަ ގޯލު ކާމިޔާބު ކޮށް ލީޑު ނެގީ ޔުނައިޓެޑުންނެވެ. މެޗުގެ 50 ވަނަ މިނެޓުގައި ޔުނައިޓެޑުން ގޯލު ޖަހާ ލީޑު ނެގިއިރު، އެޓީމަށް މި ލަނޑު ކާމިޔާބު ކޮށްދިނީ ޒުވާން ފޯވާޑް އަމަޑް ޑިއަލޯ ޓުރޯރޭ އެވެ. އޭނާ މި ލަނޑު ކާމިޔާބު ކުރީ ބްރޫނޯ ފަނާންޑޭޒްގެ އެހީތެރިކަމާއި އެކުގައެވެ.

ޔުނައިޓެޑުގެ މި ގޯލަށް ފަހު ލަނޑެއް ޖެހުމަށް މިލާނުން ބުރަމަސައްކަތް ތަކެއް ކުރަމުން ދިޔަތަން ފެނިގެން ދިޔައެވެ. އެގޮތުން މުޅި ޓީމު ކަހަލަ ގޮތަކަށް ކުރިޔައް އަރާ ހަމަލާތައް އުފެއްދުމަށް ބުރަ މަސައްކަތް ތަކެއް ކުރަމުން ގެންދިޔައެވެ. ނަމަވެސް ޔުނައިޓެޑުން ގެންދިޔައީ މިލާންގެ ހުރިހާ ހަމަލާއެއް ހުޝިޔާރު ކަމާއި އެކު ދިފާއުކުރަމުންނެވެ.

މެޗުން ތިން ޕޮއިންޓު ލިބޭނެ ކަމުގެ ފުރިހަމަ ޔަގީން ކަމާއި އެކު ޔުނައިޓެޑުން މެޗު ނިންމާލެވޭނެ ކަމަށް ހީކުރި ނަމަވެސް ކަން ދިމާކުރީ ވަރަށް ނަސީބު ދެރަކޮށެވެ. މިލާނުން މެޗުގެ ނަތީޖާ އަނބުރާލީ މެޗުގެ އެންމެ ފަހު ވަގުތު އެވެ. މެޗުގެ ފުރިހަމަ ވަގުތު ނިމި އިތުރަށް ދެއްކި ހަތަރު މިނެޓުގެ ތެރޭގައި މިލާން ސަލާމަތް ކޮށްދިން ގޯލު ކާމިޔާބު ކުރީ ސައިމަން ޖެއާއެވެ. އޭނާ މި ލަނޑު ކާމިޔާބު ކުރީ ކުރުނިޗް ގޯލު ކުރިމައްޗަށް ހުރަސްކުރި ބޯޅަ ބޮލުން ޖަހާ ގޯލުގެ ތެރެއަށް ވައްދާލައިގެންނެވެ.

މި ދެޓީމު ބައްދަލުކުރާ ދެވަނަ ލެގުގެ މެޗު ކުޅޭނީ މިމަހުގެ 19 ގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް