ވެކްސިން ގަންނަން ސީރަމް އިންސްޓްޓިޓުއުޓާއި އެކު ސޮއިކުރަނީ

އިންޑިއާއިން ކޯވިޑް-19 ވެކްސިން ގަންނަން ސީރަމް އިންސްޓިޓިއުޓާއި އެކ އެއްބަސްވުމެއްގައި ސޮއި ކުރަން ދިވެހި ސަރުކާރުން ނިންމައިފި އެވެ. ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިރޭ ނެރުއްވި ގަރާރެއްގައި ...

12 Mar 2021 | 03:24

އިންޑިއާއިން ކޯވިޑް-19 ވެކްސިން ގަންނަން ސީރަމް އިންސްޓިޓިއުޓާއި އެކ އެއްބަސްވުމެއްގައި ސޮއި ކުރަން ދިވެހި ސަރުކާރުން ނިންމައިފި އެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިރޭ ނެރުއްވި ގަރާރެއްގައި ވިދާޅުވީ، ކޯވިޑުގެ ބަލިމަޑުކަމުން އަރައިގަތުމަށްޓަކައި ބޭނުންވާ ވެކްސިން ހޯދަން ސީރަމް އިންސްޓިޓިއުޓު އޮފް އިންޑިއާ އަދި ސީރަމް އިންސްޓިޓިއުޓު އޮފް ލައިފް ސައިންސަސް ކުންފުންޏާއެކު ސޮއިކުރަން ނިންމާފައިވާ ކަމަށެވެ. ނަމަވެސް ގަންނަނީ ކިހާ އަދަދެއްގެ ވެކްސިނެއް ކަމެއް ނުވަތަ ހަރަދު ކުރާ ފައިސާއާއި ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ނުދެއްވަ އެވެ.

ގަރާރުގައި ބުނެފައިވަނީ ދައުލަތުގެ މާލިއްޔަތު ގަވާއިދުން މިނިސްޓަރަށް ލިބިިގެންވާ ބާރުގެ ދަށުން، އެ އެއްބަސްވުން ތަންފީޒުކުރުމައްޓަކައި އެ ގަަވާއިދުގެ ބައެއް މާއްދާތަކަށް އަމަލު ކުރަން ނުޖެހޭ ގޮތަށް ފިނޭންސް މިނިސްޓަރު ނިންމާފައިވާ ކަމަށް ގަރާރުގައި ބުނެފައިވެ އެވެ.

އަމަލު ކުރަން ނުޖެހޭ ކަމަށް ކަނޑައަޅާފައި ވަނީ، މާލިއްޔަތުގެ ގަވައިދުގެ ބީލަން ކުރުމުގެ މަރުހަލާތަކުގެ މާއްދާ އާއި، ކޮންޓްރެކްޓް ހަވާލު ކުރުމާއި، އެޑްވާންސް ފައިސާގެ ގޮތުގައި 15 ޕަސެންޓް ދެވޭ ގޮތަށް އޮތް މާއްދާގެ އިތުރުން އެގްރީމެންޓްކޮށްގެން ހަވާލުކުރާ މަސައްކަތެއް ލަސްވާނަމަ ގެއްލުމުގެ އަގު ދައްކަން ޖެހޭ މާއްދާ އަށެވެ.

ގަރާރުގައި އިތުރަށް ބުނެފައިވަނީ، އެ މާއްދާތަކަށް އަމަލު ކުރަން ނުޖެހޭ ގޮތަށް ކަނޑައަޅާފައި ވަނީ ހަމައެކަނި ވެކްސިން ގަތުމަށްޓަކައި އިންޑިއާގެ ސިރަމް އިންސްޓިޓިއުޓް އޮފް އިންޑިއާ ލިމިޑެޓާއި ސީރަމް އިންސްޓިޓިއުޓް އޮފް ލައިފް ސައިންސަސް ޕްރައިވެޓް ލިމިޑެޓާއެކު ސޮއި ކުރެވޭ އެއްބަސްވުމުގެ މުއްދަތަށް ކަމަށާއި، އެ މުއްދަތުގައި އަމަލު ކުރަން ޖެހޭނީ އެ އެއްބަސްވުމުގައި ބަޔާން ކޮށްފައިވާ ފަދައިން ކަމަށެވެ.

ވެކްސިން ގަންނަ ސީރަމް އިންސްޓިޓިއުޓާއި ހަވާލު ކުރަން ދިވެހި ސަރުކާރުން ނިންމި އިރު ވެކްސިންގެ 700،000 ޑޯޒު ހޯދަން ރާއްޖެ އިން މީގެ ކުރިން ވަނީ އެސްޓްރާޒެނެކާ ސިންގަޕޯ ޕީޓީއީ، އެލްޓީޑީއީއާއެކު ވެސް ސޮއިކޮށްފަ އެވެ. އެކަމަކު، އެ އެއްބަސްވުމުގެ ދަށުން މިހާތަނަށް އެއްވެސް ވެކްސިނެއް އަދި ނުލިބެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް