އައްޑޫ ސިޓީ ހިތަދޫގައި ކަތިވަޅިއަކުން ހަމަލާދީ މީހެއްގެ ބޯ ފަޅާލައިފިއެވެ.
އެގޮތުން އައްޑޫލައިވް ނޫހުގައި ރިޕޯޓްކޮށްފައިވާގޮތުގައި މި ހަމަލާ ދީފައިވަނީ ރޭ ދަންވަރު ގާތްގަނޑަކަށް 12:45 ހާއިރުގައެވެ.
"ހިތަދޫ ބޮޑުމަގުގައި ހުންނަ މަސްޖިދުއް ތަގްވާ މިސްކިތް ހުންނަ ސަރަހައްދުގައި، ކަތިވަޅިން ހަމަލާ ދިން މީހާގެ ބޯ ފަޅައިގެންދިޔަނަމަވެސް އޭނާ ވަނީ ސައިކަލެއްގައި އެ ސަރަހައްދު ދޫކޮށް ގޮސްފައި" އައްޑޫލައިވްގައި ރިޕޯޓްކޮށްފައިވެއެވެ.
މިއީ އައްޑޫގައި އިއްޔެ ހިންގި ދެވަނަ މާރާމާރީއެވެ.
މި މާރާމާރީއާއި ގުޅޭގޮތުން ފުލުހުން އެއްޗެއް ބުނެފައިނުވިނަމަވެސް، އިއްޔެ ހަވީރު ހިންގި މާރާމާރީއާއި ގުޅޭގޮތުން ފުލުހުން ބުނެފައިވަނީ އައްޑޫ ސިޓީ، ފޭދޫ، ކުޑަކުދިންގެ ޕާކު ސަރަހައްދުގައި ދެ ގްރޫޕެއްގެ ދެމެދުގައި ހިންގި މާރާމާރީއެއްގެ މައްސަލަ ރޭ 06:30 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާކަމަށެވެ.
"މި މާރާމާރީގައި ހަތް މީހަކަށް އަނިޔާވެފައިވޭ، އެމީހުންގެ ތެރެއިން ބައެއް މީހުންނަށް ފޭދޫ ހެލްތު ސެންޓަރުގައި ފަރުވާދެމުންދާއިރު އަނެއްބައިމީހުންނަށް ހިތަދޫ ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުން" ފުލުހުން ބުނެފައިވެއެވެ.
ފުލުހުން އިތުރަށް ބުނެފައިވަނީ އިއްޔެގެ މާރާމާރީ ތަހުގީގުކުރަމުން އަންނަ ކަމަށެވެ. ނަމަވެސް މި ދެ މާރާމާރީއާއި ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައިވާކަމުގެ މައުލޫމާތެއް ލިބިފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް