ތިބާ އޮފީހުގައި މަސައްކަތްކުރަނީ ކުރާ ހިތުންތޯއެވެ.؟

ކޮންމެ މީހަކީވެސް ދިރިއުޅުމަށް އާމްދަނީ ހޯދުމަށް ކޮންމެވެސް މަސައްކަތެއް ކުރާނެ މީހެކެވެ. އެކި މީހުން ކުރަނީ އެކި މަސައްކަތެވެ. ބައެއް މީހުން ބުރަ މަސައްކަތް ކުރާއިރު، އަނެއް ބަޔަކު ކުރަނީ ވަރަށް ލުއި...

11 Mar 2021 | 19:54

ކޮންމެ މީހަކީވެސް ދިރިއުޅުމަށް އާމްދަނީ ހޯދުމަށް ކޮންމެވެސް މަސައްކަތެއް ކުރާނެ މީހެކެވެ. އެކި މީހުން ކުރަނީ އެކި މަސައްކަތެވެ. ބައެއް މީހުން ބުރަ މަސައްކަތް ކުރާއިރު، އަނެއް ބަޔަކު ކުރަނީ ވަރަށް ލުއި ފަސޭހަ މަސައްކަތެވެ. ބައެއް މީހުންނަކީ ކިތެންމެ ފަސޭހަ މަސައްކަތެއް ކުރަން ޖެހުނަސް އެމަކާއި ޝަކުވާ ދަމާ ފޫހިކަމާއި އެކު ފަރުވާ ކުޑަކޮށް މަސައްކަތް ކުރާމީހުންނެވެ. އެފަދަ މީހުންނަށް މަސައްކަތަކީ ބޮޑު ބުރައެކެވެ. މިކަހަލަ މީހުން ދެނެގަތުމަށް، އެމީހުންގެ އަމަލުތައް ހުންނަނީ ކިހިނެތްތޯ ބަލާލަމާ ހިނގާށެވެ.

މިއީ މަސައްކަތުގެ މާހައުލުގައި ވަރަށް އާންމު ކަމެކެވެ. މި ފަދައިން މަސައްކަތް ކުރަން ބޭނުން ނުވާ މީހަކީ އެއްވެސް ކަމަކާއި ހިތްހަމަ ނުޖެހި އަބަދު ކޮންމެވެސް ކަމަކާއި ޝަކުވާ ކުރާ މީހެކެއެވެ. އެމީހަކު ބަލާނީ އެެހެން މީހުންގެ ކުށް ހޯދާ، އެހެން މީހުންގެ ބޮލުގައި އިލްޒާމް އެޅުވޭތޯއެވެ. ޓްރެއިންނިންއެއް ހަމަޖެއްސިއްޔާ އެއަށް ނައިސް ފަހުން އޮފީސް ސިސްޓަމުން މައްސަލަ ހޯދާ އެހެން މީހަކަށްވެސް މަސައްކަތް ކުރާކަށް ފުރުސަތެއް ނުދޭނެއެވެ.

އޮފީހަށް އައިސް އެންމެ ފުރަތަމަ ހުޅުވާލެވޭނީ ޓްވިޓާ އެހެންނޫނީ ފޭސްބުކެވެ. މިފަދަ މީހަކަށް އޮފީހުގެ މަސައްކަތް ކުރަން ފެށޭނީ ހުރިހާ އެންމެންގެ ކޮމެންޓް ތަކަށް ޖަވާބުދީ، ނިއުސްފީޑްގައި ތިބޭހާ މީހުންގެ ޕްރޮފައިލް ހާވާ ނިމުމުންނެވެ. އެހެންނޫނީ އޮންލައިން ފިހާރައެއް ހާވާލަ ހާވާލާ އޮފީހުގައި ތިބެގެން ކޮންމެވެސް އެއްޗެކަށް އޯޑަރު ދޭނެއެވެ.

އޮފީހުގައި އަށް ގަޑިއިރު މަސައްކަތް ކުރާނަމަ އޭގެ ތެރެއިން ހަތަރު ގަޑިއިރު ހޭދަ ވަނީ ކޮފީއަށް ގޮސް ނުވަތަ ބޭރުތެރޭގައި މަޖާނަގަން ވަގުތު ހޭދަކުރުމުގައެވެ. އެހެންނޫނީ ކޮންމެވެސް ރައްޓެއްސަކަށް ގުޅައިގެން ފޮނިބައިސާ ކެނޑުމުގައެވެ.

މެންދުރު 12 ނުޖަހަނީސް އޭގެ ދެގަޑި އިރު ކުރިން ނެގި ކޮންޓިނެންޓަލް ބްރޭކްފާސްޓްގެ ހިލަމެއްވެސް ނުހުންނާނެއެވެ. ބަނޑުހައި ވެގެން މުޅި މީހާ ހުންނާނީ ހާންތި ވާވަރު ވެފައެވެ. ގަޑިއެއްހާއިރު ބޭރުގަ އުޅެލާފަ އަނެއްކާވެސް ދޮޅުގަޑި އިރު ފަހުން ކޮފީއަކަށް ދާން ރައްޓެއްސަކު ގުޅީމަ އެޖެހުނީ ދާންށެވެ.

އާންމު ގޮތެއްގައި މިކަހަލަ މީހުންނަކީ ދިރިއުޅުމުގައި އެެއްވެސް ކަހަލަ މަގްސަދެއް، މިސްރާބެއް އޮންނަ ބައެއް ނޫނެވެ. ކުރާ މަސައްކަތް ކުރަނީ ކިރިޔާ އޮފީހުން ކަނޑާނުލާ ބަހައްޓާ މިންވަރަކަށެވެ. ކުރެވޭ މަސައްކަތާ ބަލާ މިމީހުންގެ އާމްދަނީ ވަރަށް ބޮޑެވެ.

ހަވާލު ކޮށްފައިވާ މަސައްކަތް ނުނިމި ގިނަ ދުވަހަށް ދިގު ދެމި ފުނިޖެއްސުމަކީ މިކަހަލަ މީހުންގެ އާދައެކެވެ. އެންމެ ފަހުން އެމަސައްކަތް ޖެހެނީ އެހެން މީހަކާއި ހަވާލު ކޮށްލަންށެވެ. ގިނަ ފަހަރަށް ކުރަން ހަވާލުކޮށްފައިވާ މަސައްކަތް އިނދެގެން އުޅޭ މީހާއާއި ނޫނީ ގާތްތިމާގެ ކޮންމެވެސް ކުއްޖަކު ލައްވާ ކުރުވަނީއެވެ.

އޭނާ ބުނާ ގޮތުން އޮފީހުގެ އެއްވެސް އިސްފަރާތަކަށް އެމީހަކު ކުރާ މަސައްކަތެއް ކަމުނުދާނެއެވެ. ކުރަން ޖެހޭ މަސައްކަތާއި ބަލާ ލިބޭ ބޯނަސް އެއްވެސް އެއްޗަކަށް ނުވެއެވެ. އެކީގައި މަސައްކަތް ކުރަން ޖެހޭ އެކަކުވެސް އޭނާ އަށް ކަމުނުދެއެވެ. ނޫނީ ނުވިސްނެއެވެ.

އާދީއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހާއި ހަމައަށް ކޮންމެވެސް ތަނެއްގަ ރިއްސާނެއެވެ. އެހެންނޫނީ ނުނިދޭ ބަހަނާ ދައްކާނެއެވެ. އޮފީސް ގަޑީގައި ބަލިވެގެން ކޮޅަށް ނުހުރެވޭ މީހާ ގެއަށް ގޮސް ހެދުން ބަދަލު ކޮށްލައިގެން އަވަހަށް ބޭރަށް ކޮފީއަށް ދެވޭތޯ ބަލައެވެ. ބައެއް ފަހަރު ގެއަށް ގޮސް އެނދަށް ވެއްޓިގަންނަ ގޮތަށް ފޯނު ނޫނީ ލެޕްޓޮޕް މޭމަތީ ބާއްވާއިގެން ރައްޓެހިންނާއި ޗެޓުކުރުމުގަ ނޫނީ ބިޓާއި ވާހަކަ ދައްކަން އޮންނަނީއެވެ.

މިފަދަ މީހުން އޮފީހަށް މަހަކު 30 ދުވަހު ދާން ޖެހޭ އިރު އޮފީހައް ހާޟިރުވެވޭނީ މަހަކު 15 ނޫނީ 10 ދުވަހުއެވެ. ކޮންމެވެސް ބަހަނާއެއް ދައްކައިގެން އޮފީހައް މަކަރުހަދާފައި ނުދާން ބަހަނާ ދައްކައިގެންނެވެ.

އަޅުގަނޑުމި ދަންނަވަނީ ތިޔަ އެންމެހާ ބޭފުޅުން އަބަދު އަވަދި ނެތި ވަޒީފާގައި މަސައްކަތް ކުރަން ދެވިހިފާފަ ތިބޭށެކޭ ނޫނެވެ. ނުވަތަ ލިބޭ ހުރިހާ ވަގުތެއް އޮފީހުގައި ހޭދަކުރާށެކޭ ނޫނެވެ. އެމީހަކު ކުރާ މަސައްކަތެއް އެންމެ ރަނގަޅު ގޮތުގައި ކުރެވޭނީ އެމީހަކު ކުރާ ހިތުން، ކުރަން ބޭނުންވާ މަސައްކަތެއް ކުރީމައެވެ. ހަމައެކަނި އާމްދަނީ ހޯދުމަށްޓަކައި އެހެންނޫނީ ގިނަ ލާރި ލިބެއޭ ކިޔާ، ތިކުރާ މަސައްކަތަށް ވުރެން ރަނގަޅު ވާނީ ނުކުރިއްޔާއެވެ.

މިހާރު އަޅުގަނޑުމެން މިއުޅޭ މުޖްތަމައުގެ ހާލަތު ހުރި ގޮތުން، ބޭނުންވާ ވަޒީފާ އަކަށް ނުދެވި އިތުރު އާމްދަނީ ލިބޭ ތަންތަނަށް ދާން އެބަޖެހެއެވެ. ކަންމިހެން އޮތަސް ކެތްތެރިވާން އެބަ ޖެހެއެވެ. ކުރާ ކަމެއް ރަނގަޅަށް އިޚުލާސްތެރިކަމާއި އެކު ކުރަން އާދަކުރަން އެބަޖެހެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް