ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ދެމުންގެންދިޔަ ސެކިއުރިޓީ، އެމްއެންޑީއެފުން ހުއްޓާލާފައިވާކަމަށްބުނެ ސޯޝަލް މީޑިއާގައި ފަތުރަމުން އަންނަނީ ދޮގު ވާހަކަތެއްކަމުގައި އެމްއެންޑީއެފުން ބުނެފި އެވެ.
ދުވަހަށް މައުލޫމާތު ދެއްވަމުން އެމްއެންޑީއެފްގެ މީޑިއާ އޮފިޝަރު ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ ސޯޝަލް މީޑިއާގައި ރައީސް މައުމޫނަށް، އެމްއެންޑީއެފުން ސެކިއުރިޓީ ދިނުން ހުއްޓާފައިވާކަމަށްބުނެ ފަތުރާ ވާހަކައަކީ އޭގައި އެއްވެސް ހަގީގަތެއް އެކުލެވިގެން ނުވާ ވާހަކަތަކެއް ކަމަށެވެ.
"އެމްއެންޑީއެފް އިން ރައީސް މައުމޫނަށް ސެކިއުރިޓީ ދިނުން ހުއްޓާލާފައެއް ނުވޭ، ހަމަޖެހިފައިވާ ގަވާއިދާއި އުސޫލަށް އެމްއެންޑީއެފް ސެކިއުރިޓީގެ އެއްމެހާ ކަންކަން ދަނީ ފޯރުކޮށްދެމުން" ކެޕްޓަން އާޒިމް ވިދާޅުވި އެވެ.
އެމްއެންޑީއެފުން މިކަން ހާމަކޮށްފައިވާއިރު ރައީސް މައުމޫން މިދިޔަ ހަފްތާގެ ތެރޭގައި އިންޑިއާއަށް ވަޑައިގެންނެވި އިރު ސެކިއުރިޓީ ފޯރުކޮށްދީފައެއް ނުވެ އެވެ. އަދި ސެކިއުރިޓީން ރައީސް މައުމޫންގެ ދަތުރުފުޅުގައި ނުދާގޮތަށް ހަމަޖެހުނީ ޗެކިންވެސް ވި ފަހުން ކަމުގައި ބައެއް ނޫސްތަކުގައި ބުނެފައި ވެ އެވެ.
އެކަމާއި ބެހޭގޮތުން ރައީސް މައުމޫންގެ އަރިސް ބޭފުޅަކު ބައެއް މީޑީއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ ރާއްޖެއިން ބޭރަށް ވަޑައިގަންނަވާއިރު، އެމްއެންޑީއެފްގެ ސެކިއުރިޓީ ހަމަޖައްސައިނުދެވޭނެކަމަށް އެދުވަހު އަންގާފައިވާކަމަށެވެ. އަދި އެފަދަ ނިންމުމެއް ކުއްލިގޮތަކަށް ނިންމީ ކީއްވެގެންކަން އަންގާފައިނުވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް