ހިމަބިހި ނައްތާލުމަށް ކުރިޔަށް ގެންދާ ގައުމީ ކެމްޕެއިންގެ މުއްދަތު އިތުރުކޮށްފި އެވެ.
ކުރިން ކަނޑައަޅާފައި އޮތީ އެ ކެމްޕެއިން މިދިޔަ މަހުގެ 26 ން މިމަހުގެ 11 ގެ ނިޔަލަށް ކުރިޔަށް ގެންދާށެވެ. މިހާރު މުއްދަތު އިތުރު ކުރުމުން މި ކެމްޕެއިން ނިމޭނީ މިމަހުގެ 21 ވަނަ ދުވަހު އެވެ.
އެޗްޕީއޭއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނެޝަނަލް ވެރިފިކޭޝަން ކޮމެޓީގެ ޗެއާމަން ޑރ. އަބްދުލް އަޒީޒް ޔޫސުފް ވިދާޅުވީ މުއްދަތު އިތުރު ކުރީ އެމްއާރު ވެކްސިން ދިނުމަށް ހެލްތް މިނިސްޓްރީން ކަނޑައެޅި ޓާގެޓަށް ވާސިލްވާން އަދި އިތުރު މުއްދަތު ބޭނުންވާތީ ކަމަށެވެ. އޭނާ ވިދާޅުވީ މުއްދަތު ހަމަވި އިރު އެމްއާރު ވެކްސިން ދެވުނީ އެ ވެކްސިން ޖަހަންޖެހޭ މީހުންގެ 62 ޕަސެންޓު މީހުންނަށް ކަމަށެވެ.
ރާއްޖޭގައި އެމްއާރު ވެކްސިން ޖަހަންޖެހޭ 75،000 މީހުން އެބަ ތިއްބެވެ. ހެލްތް މިނިސްޓްރީން ކަނޑައަޅާފައިވަނީ އޭގެެ ތެރެއިން 95 ޕަސެންޓު މީހުންނަށް ވެކްސިން ދިނުމަށެވެ.
އަޒީޒު ވިދާޅުވީ މިދިޔަ ދެ ހަފްތާ ތެރޭގައި ވެކްސިން ޖެހީ އަމިއްލައަށް ވެކްސިން ޖަހަން ބޭނުންވާ މީހުން ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ. އަދި ދެން ތިބި މީހުންގެ ގަޔަށް ވެކްސިން ޖެހުމަށް މަސައްކަތްތައްކެއް ކުރަންޖެހޭ ކަމަށާއި އެކަމަށް މަސައްކަތްތަކެއް ރާވަމުންދާ ކަމަށެވެ.
އޭނާ ވިދާޅުވީ ވެކްސިން ޖަހަން ބޭނުން ނުވާ ބައެއް މީހުން ތިބިނަމަވެސް ޖުމްލަ ކޮށް މި ކެމްޕެއިނަކީ ވަރަށް ކާމިޔާބު ކަމާއި އެކު ކުރިޔަށްދާ ކެމްޕެއިނެއް ކަމަށެވެ. އެގޮތުން ބައެއް ރަށްރަށުގައި ވެކްސިން ޖަހަން ޖެހޭ ހުރިހާ އެންމެން ވެކްސިން ޖަހާ ނިމިފައިވާ ކަމަށެވެ.
މި ކެމްޕެއިންގެ ދަށުން އިތުރު ކުރި 10 ދުވަހުގެ ތެރޭގައި އަމިއްލަ ކުންފުނިތަކާއި ގުޅިގެން އެ ކުންފުނިތަކުގެ މުވައްޒަފުންނަށް ވެކްސިން ދޭން މަސައްކަތް ކުރާނެ އެވެ. އަދި މާލޭގައި ހަމަ ކުރިންވެސް ވެކްސިން ދޭން ހަދާފައިވާ 11 ސަރަހައްދުގައި އެ ހަރަކާތް ކުރިޔަށް ގެންދާނެ އެވެ.
މި ކެމްޕެއިންގެ ދަށުން އެމްއާރު ވެކްސިން ދެނީ އުމުރުން އަށް އަހަރާއި 14 އަހަރާއި ދެމެދުގެ ކުދިންގެ ތެރެއިން ދެ ޑޯޒު ހަމަނުވާ ކުދިންނަށެވެ. އަދި 14 އަހަރާއި 25 އަހަރުގެ މީހުންނަށެވެ.
ހެލްތް މިނިސްޓްރީން ފަށާފައިވާ ހިމަބިހި ނައްތާލުމުގެ ގައުމީ ކެމްޕއިނަކީ ސައުތު އޭޝިއާގެ ގައުމުތަކުގެ ތެރެއިން ހިމަބިހި އަދި ރުބެއްލާ ނައްތާލެވިފައިވާ ފުރަތަމަ ގައުމަށް ރާއްޖެ ހެދުމަށް ހިންގާ ކެމްޕެއިނެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް