ބޮލީވުޑްގައި ފިޔަޖަހާލުމަށް ފަހު މިފަހަކަށް އައިސް ގިނަ ތަރިން ޑައިރެކްޓަރަކަށް ވުމަށް ވަރަށް އަވަހަށް މަސައްކަތް ފަށައެވެ.
މިދިޔަ ހަފްތާގައި އަޑު އިވިގެން ދިޔައީ އިމްރާން ހާން ފިލްމެއް ޑައިރެކްޓު ކުރަން އުޅޭ ވާހަކައެވެ. މި ހަފްތާގައި ވަރުން ދަވަންގެ ވާހަކަ އެވެ.
ވަރުން ބުނެފައިވަނީ އޭނާ ޑައިރެކްޓަރަކަށް ވާހިތުން އުޅޭތާ މިހާރު އަހަރެއްހާ ދުވަސް ވެއްޖެ ކަމަށެވެ. އަދި ދެ ވާހަކައެއް ލިޔެ ކަމުދޭތޯ ބަލަން ހުށަހެޅުމުން ބައްޕަ އާއި ބޭބެއަށް ކަމު ނުދިޔަކަމަށް ވަރުން ބުންޏެވެ.
ވަރުންގެ ބައްޕަ އަކީ މަޝްހޫރު ޑައިރެކްޓަރު ޑޭވިޑް ދަވަން އެވެ. ބޭބެއަކީ ވާހަކަ ލިޔުންތެރިއެއް ކަމަށްވާ ރޯހިތް ދަވަން އެވެ.
ވަރުން ބުނީ ދެ ފަހަރު އޭނާގެ މަސައްކަތް ކަމު ނުދާކަމަށް ބުނުމުން ދެރަ ނުވާކަމަށާއި އެމީހުން ރަނގަޅު ކުރަން ބުނާ ކަންކަން ވަރަށް ސީރިއަސްކޮށް ނަގާ ކަމަށެވެ. އެކަމަކު އަބަދުވެސް ގަބޫލު ކުރަނީ އަމިއްލަ ސްޓައިލެއް ހުންނަން ޖެހޭނެ ކަމަށް ކަމަށާއި ދެން ފަހަރަކުންވެސް ވާހަކައެއް ތައްޔާރު ކުރާއިރު އެމީހުންނަށް ކަމު ނުދިޔަޔަސް އަމިއްލަ ގޮތްތައް ހިމަނާނެ ކަމަށެވެ.
ވަރުން ބުނީ އޭނާ އެންމެ ފުރަތަމަ ޑައިރެކްޓު ކުރަން ބޭނުންވަނީ ވަރަށް ތަފާތު ފިލްމެއް ކަމަށެވެ. އަދި ބޭނުންވަނީ އެ ފިލްމަކީ އޭނާ ޑައިރެކްޓުކޮށް، ޕްރޮޑިއުސްކޮށް އަދި އެކްޓުވެސް ކުރެވޭ ފިލްމަކަށް ވާން ކަމަށެވެ.
އެ ފިލްމުގެ މަސައްކަތް ފެށުމުގެ ކުރިން ވަރުން އާއިލާގެ މީހުންގެ ހިޔާލު ހޯދަން ފަށާފައި ވާއިރު މަސައްކަތް ފަށާނީ އޭނާގެ ޓީޗަރު ކަރަން ޖޯހަރާއި ފިލްމީ ދާއިރާގައި ނޫޅޭ ވަރުންގެ ރަހުމަތްތެރިންނާއި މަޝްވަރާ ކޮށްފައި ކަމަށް ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް