ފިސްތޯލައެއް ގެއްލިފައެއް ނުވޭ: އެމްއެންޑީއެފް

ސިފައިންގެ ބޭކަލެއްގެ އަތުން ފިސްތޯލައެއް ގެއްލިފައިވާކަމަށްބުނެ ފަތުރަމުންދަނީ ދޮގު ހަބަރެއް ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ. އެމްއެންޑީއެފުން ބުނީ ބައެއް ލޯކަލް މީޑިއާތަކުންނާއި ސޯޝަލް މީޑިއާގައ...

12 Mar 2015 | 06:22

ސިފައިންގެ ބޭކަލެއްގެ އަތުން ފިސްތޯލައެއް ގެއްލިފައިވާކަމަށްބުނެ ފަތުރަމުންދަނީ ދޮގު ހަބަރެއް ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

އެމްއެންޑީއެފުން ބުނީ ބައެއް ލޯކަލް މީޑިއާތަކުންނާއި ސޯޝަލް މީޑިއާގައި އެމްއެންޑީއެފް އިން 9 އެމްއެމްގެ ފިސްތޯލައެއް ސިފައިންގެ ބޭކަލެއްގެ އަތުން 2014 ވަނަ އަހަރު ރިސޯޓަކަށް ގެއްލިފައި ވާކަމަށް ބުނެ ފަތުރަމުންދަނީ ދޮގު ޚަބަރެއް ކަމަށެވެ.

އަދި ސިފައިންގެ ހަތިޔާރު އިންވެންޓްރީއިން އެއްވެސް ހަތިޔާރެއް އުނިވެފައި ނެތް ވާހަކަ ދިވެހި ލޮބުވެތި ރައްޔިތުންގެ މަލޫމާތަށްޓަކައި ދަންނަވާ ކަމަށެވެ.

އެމްއެންޑީއެފްގެ އޮފިސަރެއްގެ އަތުން ފިސްތޯލައެއް ގެއްލިފައިވާ ކަމަށް ބުނެ ފެތުރޭ ހަބަރުތައް އެމްއެންޑީއެފުން ދޮގުކޮށްފައި މިވަނީ ދައުލަތުން ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ޝަރީއަތުގެ އަޑުއެހުމުގައި އިއްޔެ އޭނާގެ ދިފާއީ ވަކީލުންގެ ޓީމުން ދެއްކެވި ވާހަކަތަކަކާއި ގުޅިގެން ކަމަށް ބެލެވެ އެވެ.

ނާޒިމްގެ ގާނޫނީ ޓީމުން އިއްޔެ ކްރިމިނަލް ކޯޓުގައި ބުނެފައިވަނީ ސިފައިންގެ ކޯޕްރަލްއެއް އަތުން މިދިޔަ އަހަރު ނާޒިމްގެ އެޕާޓްމަންޓުން ފެނުނު ކަހަލަ ނުވަ އެމްއެމްގެ ފިސްތޯލައެއް ގެއްލުނުކަން ސާބިތު ކުރުމަށް ބޭނުންވާ ކަަމަށެވެ. އެގޮތުން އެކަން ސާބިތުކުރުމަށް އެމްއެންޑީއެފްގެ އެސްޕީޖީގައި މަސައްކަތް ކުރާ ކޯޕްރަލް އަހްމަދު އާމިރުއާއި، ހެޑް އޮފް މިލިޓަރީ ޕޮލިސް އަބްދުﷲ ޒުހުރީ ކޯޓަށް ހާޒިރުކޮށްދިނުމަށް ނާޒިމްގެ ގާނޫނީ ޓީމުން ވަނީ އެދިފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް