ޝަރީއަތް ނިމެންދެން މާފުށީ ޖަލުގައި ބަންދުކޮށްފައި ހުރި ބިދޭސީއަކު މަރުވެއްޖެއެވެ.
މަރުވެފައިވަނީ ނައިޖީރިޔާ ރައްޔިތެއް ކަމުގައިވާ، އުމުރުން 35 އަހަރުގެ އިމަނުއަލް ޖޯންފޯލް އޮކޮނާޗީ އެވެ.
ކަރެކްޝަންސް އިން ބުނެފައިވަނީ މިއަދު ހަވީރު އިމޭނުއަލް ޖޯންޕޯލް އޮކޮނާޗީ ޔާޑްގައި އެހެން މީހުންނާއެކު ކުޅެން ހުއްޓާ ކުއްލިއަކަށް ވެއްޓުމުން، ވަގުތުން އޭނާ ވަނީ މާފުށީ ޖަލުގެ މެޑިކަލް ސެންޓަރަށް ގެންގޮސް އަވަސް ފަރުވާ ދިނުމަށްފަހު، 4 މިނެޓްތެރޭ މާފުށީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފަށާފެށި ކަމަށެވެ.
"ޑޮކްޓަރު އިމޭނުއަލް ޖޯންޕޯލް އޮކޮނާޗީ ނިޔާވެފައިވާކަމަށް ކަނޑައަޅާފައި ވަނީ 17:20 ހާއިރު" ކަރެކްޝަންސް އިން ބުނެފައިވެއެވެ.
އޭނާއަކީ ދިވެހިރާއްޖެއަށް މަސްތުވާތަކެތި ގެންގުޅުމާއި، ބޭނުންކުރުމާއި ވިޔަފާރިކުރުމުގެ މައްސަލައެއްގައި ޝަރީޢަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހެކެވެ. އަދި އޭނާ އަކީ އެއްވެސް ދާއިމީ ބައްޔަކަށް ފަރުވާހޯދަމުން އަންނަ ފަރާތެއް ނޫން ކަމުގައިވެސް ބުނެފައިވެއެވެ.
އިމޭނުއަލް ޖޯންޕޯލް އޮކޮނާޗީ ނިޔާވުމާ ގުޅިގެން ކަރެކްޝަންސްއިން އެކަން އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސްއަށާއި މޯލްޑިވްސް ޕޮލިސް ސަރވިސްއަށާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން އަދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް އަންގާފައިވާނެކަމަށް ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް