މެޒޯ މޯޑަކީ 2010 ވަނަ އަހަރު ޕާފޯމިން އާޓްސް ދާއިރާއިން، ލަވަ ކިޔުމާއި މިޔުޒިކް ކުޅުމުގެ ރޮނގުން ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ހާސިލުކުރެއްވި ފަންނާނެކެވެ.
މި ލިޔުމުގައި މި ގެނެސްދެނީ 2010 ވަނަ އަހަރު ޤައުމީ އިނާމު ފޮތުގައި ހިމަނާފައިވާ، މުޙައްމަދު މާޖިދުގެ ޕްރޮފައިލް އެވެ.
މުޙައްމަދު މާޖިދު ނުވަތަ މިޔުޒިކްގެ ދާއިރާއިން މަޝްހޫރު ނަމުން ދަންނަވާނަމަ، މެޒޯ މުޙައްމަދު، މިޔުޒިކްގެ ދާއިރާއަށް ފުރަތަމަ ނުކުމެވަޑައިގަތީ، 1977 ވަނަ އަހަރު ކްލަބް ކޯބްރާސްއިންނެވެ. މި ދާއިރާގައި އޭނާ ޚިދުމަތް ކުރައްވަމުން ގެންދަވާތާ މިހާ ދިގު މުއްދަތެއް ވެފައިވާއިރު، ރާއްޖޭގެ މިޔުޒިކްގެ ދާއިރާއަށް އޭނާ ވަނީ ފާހަގަކުރެވޭފަދަ ޚިދުމަތްތަކެއް ކޮށްދެއްވާފައެވެ. އެގޮތުން ދިވެހި އަމިއްލަ އުފެއްދުންތަކަށް ދިވެހިންގެ ޝައުޤުވެރިކަން އުފެދެމުން އައި ދުވަސްވަރެއްގައި، އޭނާގެ އަމިއްލަ އުފެއްދުންތަކެއް އުފައްދަވައި، އެފަދަ އުފެއްދުންތަކުގެ މަޤްބޫލުކަން ޢާންމުންގެ ތެރޭގައި ވަރަށް ބޮޑަށް އިތުރުވެގެންދިޔަކަން އެއީ، ރާއްޖޭގެ މިޔުޒިކްގެ ދާއިރާއަށް އަންނަމުންއައި ބަދަލުގައި މުޙައްމަދު މާޖިދުގެ ޙިއްޞާ އިތުރުވެގެންދިޔަ ކަމެކެވެ. އެދުވަސްވަރު މަޝްހޫރުވެގެންދިޔަ އަމިއްލަ ދިވެހި ލަވަތަކުގެ ތެރެއިން ޚާއްޞަގޮތެއްގައި ފާހަގަކުރެވޭ ލަވަތަކުގެ ތެރޭގައި، [ކަމަނަ ގޯތީ އާދަނުތާ] [ވެއްޖެ ކަމަކާ ހައްޖާ ހަމައޭ] [ޖިސްމު] [ރޯނުއެދުރު] [އެޅި މިކަނޑުމަތި] [މާލިއަރާނޭ މާލިއަރާނޭ] [އަކިރި ދެމޭ] ފަދަ ލަވަތައް ހިމެނެއެވެ. އޭގެފަހުން މަޝްހޫރުވި ލަވަތަކުގެ ތެރޭގައި، [އުޑުން ތަރިތައް] [ވިސްނާ ވިސްނާ] [ދާނެހޭ ތިހަނދާން ފިލާ] ފަދަ ލަވަތައް ހިމެނެއެވެ.
މި ލަވަތައް އަޅުގަނޑުމެންގެ ތެރެއަށް މަޝްހޫރުވެގެން ދިޔުން އަދި ދިވެހިން، ޚާއްޞަކޮށް، ދިވެހި ޒުވާނުން ހެޔޮހިތުން ބަލައިގަންނަ އުފެއްދުންތަކެއްގެ ގޮތުގައި މި އުފެއްދުންތައް ވެގެންދިޔަކަން އެއީވެސް މުޙައްމަދު މާޖިދަށް ލިބިވަޑައިގެންނެވި ވަރަށްބޮޑު ކާމިޔާބީއެކެވެ.
މިޔުޒިކްގެ ތަފާތު އިންސްޓްރޫމަންޓްސްތައް ކުޅުއްވަމުން ގެންދެވުމުގެ އިތުރުން، މުޙައްމަދު މާޖިދު މިހާތަނަށް 4 އަލްބަމެއް ހައްދަވާފައިވެއެވެ. އެ 4 އަލްބަމަކީ، [ގުގުރި] [މާލި] [ޓެންތް] [ލިސްން] އެވެ. މީގެތެރެއިން [ގުގުރި] އަދި [މާލި] މި ދެ އަލްބަމުގެ ލަވަތަކަކީ، ސްކޫލްތަކުން ފެށިގެން، އަމިއްލަ ފަރާތްތަކުން ބޭއްވި އެކިއެކި މުނާސަބަތުތަކުގައި ބޭނުން ކުރެވުނު ދިވެހި ލަވަތަކެކެވެ. 40 ލަވަ ހިމެނޭ މި 4 އަލްބަމުގައި މުޅިންވެސް ހިމެނެނީ، އަމިއްލަ ރާގެވެ.
މުޙައްމަދު މާޖިދުގެ މިޔުޒިކް ބޭންޑް [މެޒޯ ބޭންޑް]އަކީ ރާއްޖެއިން ބޭރުގައިވެސް މަޝްހޫރު މިޔުޒިކް ބޭންޑެކެވެ. އައި.ޓީ.ބީ. ބަރލިންގ ޓޫރިޒަމް ފެއަރގައި، އެ ބޭންޑް ވަނީ ތިންފަހަރަށް ރާއްޖެ ތަމްސީލު ކޮށްދީފައެވެ. އަދި ބީ.އައި.ޓީ. މިލާން ޓޫރިޒަމް ފެއަރގައި ދެފަހަރަކު ރާއްޖެ ތަމްސީލު ކޮށްދީފައި ވެއެވެ. މީގެއިތުރުންވެސް، ސައުތު އެފްރިކާއާއި، ސީޝެލްސްއާއި، ދޯހާ، އަދި ބޮމްބޭގައި، މެޒޯ ބޭންޑުން ބައެއް ޝޯތައް ދީފައިވެއެވެ.
ދިވެހި ފަންނާނުންގެ ޝޯ، ސަރުކާރުން ބާއްވަވަން ފެށްޓެވީއްސުރެ، ގިނަ ޝޯތަކުގައި އޭނާ މިޔުޒިކް ކުޅެދެއްވާފައިވެއެވެ. އަދި މިނޫންވެސް އެކިއެކި ޝޯތަކުގައި އޭނާ ބައިވެރިވެވަޑައިގެން ލަވަ ވިދާޅުވެފައިވެއެވެ.
ރާއްޖޭގެ އަމިއްލަ ޓީ.ވީ ޗެނަލެއް ކަމަށްވާ "ދި ޓީ.ވީ" އިން ގެނެސްދޭ "ރާއްޖެ ރަންއަޑު"ގެ އެއް ފަނޑިޔާރަކީވެސް މުޙައްމަދު މާޖިދެވެ. އެ ޕްރޮގްރާމްގެ ތެރެއިން އަލްބަމަކާއި، 5 ލަވައިގެ ވީޑިއޯއެއް ތައްޔާރުކުރެއްވުމުގެ މަސައްކަތް އޭނާ ގެންދަވަނީ ކުރައްވަމުންނެވެ. މިހާރުވެސް ގަވާއިދުން މިޔުޒިކް ކުޅުއްވައި، ލަވަ ވިދާޅުވަމުން ގެންދަވައެވެ. މިހާރު ޢާންމުކޮށް މިޔުޒިކް ކުޅުއްވަމުން ގެންދަވަނީ، ރާއްޖޭގެ އެކި ރިޒޯޓްތަކުގައެވެ. އެގޮތުން ހަފްތާއަކު 4 ޝޯ، ނުވަތަ 5 ޝޯ ރިޒޯޓްތަކުގައި ދެއްވަމުން ގެންދަވައެވެ.
މިޔުޒިކްގެ ދާއިރާގައި 33 އަހަރަށްވުރެ ދިގު މުއްދަތެއް ހޭދަކުރެއްވިއިރު، މިހާތަނަށް ޤައުމީ އެއްވެސް އިނާމެއް ލިބިވަޑައިނުގެންނެވި ކަމުގައިވިޔަސް، މިއަދު އޭނާއަށް މިރޮނގުން ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބިވަޑައިގަންނަވާކަމީ، އޭނާއަށް ލިބިވަޑައިގަންނަވާ އެންމެ ބޮޑު އެއް އުފާފުޅެވެ. އަދި މިއަދު މި އިނާމު އޭނާ ޙާޞިލު ކުރައްވާއިރު، އޭނާގެ އެއް ބޭފުޅެއް ކަމަށްވާ މީރާ މުޙަންމަދު މާޖިދު، މި ދާއިރާގައި އަލަށް ވިދަމުން އަންނަ ތަރިއަކަށް ވެގެން ގޮސްފައިވާކަމީވެސް އޭނާއަށް ލިބިވަޑައިގަންނަވާ އަނެއް އުފާފުޅެވެ.
މަތީގައި އެވަނީ 2010 ވަނަ އަހަރުގެ ޤައުމީ އިނާމު ފޮތުގައި މުޙައްމަދު މާޖިދު (މެޒޯ މޯޑް) އާއި ބެހޭގޮތުން ހިމަނާފައިވާ ޕްރޮފައިލްއެވެ.
މަޝްހޫރު އަދި މަގްބޫލު ލަވަކިޔުންތެރިޔާ މުޙައްމަދު މާޖިދު (މެޒޯ މޯޑް) މިއަދު މިވަނީ އަޅުގަނޑުމެންނާ އަލްވަދާޢު ކިޔާފައެވެ. މެޒޯ މޯޑް ނިޔާވެފައިވަނީ ހާޓް އެޓޭކެއް ޖެހިގެން ކަމަށާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ފުރާނަ ނެތްކަމަށް މަސްދަރުތަކުން މަޢުލޫމާތު ލިބިފައިވެއެވެ.
މެޒޯ މޯޑް މިއަދު ނިޔާވެފައިވާއިރު އުމުރަކީ 60 އަހަރެވެ. މެޒޯ މޯޑަކީ މަޝްހޫރު ލަވަކިޔުންތެރިޔާ މީރާ މުޙައްމަދު މާޖިދުގެ ބައްޕައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް