ސަރުކާރު އަދި ސަރުކާރު ޙިއްޞާވާ ކުންފުނިތަކުގެ މުވައްޒަފުންނަށް ރޯދަ އިނާޔަތް ފިޔަވައި އިތުރު ހަދިޔާތައް ނުދިނުމަށް ޕްރައިވަޓައިޒޭޝަން އަދި ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އަންގައިފިއެވެ.
ޕީސީބީއިން މިކަން އަންގާފައިވަނީ މިއަދު ނެރުނު ސާކިއުލާއެއްގައެވެ.
ސަރުކާރު އަދި ސަރުކާރު ޙިއްޞާވާ ކުންފުނިތަކުގެ މުވައްޒަފުންނަށް ރަމަޟާން މަހުގެ އިނާޔަތުގެ ފައިސާ ދިނުމުގައި މި އަހަރުގެ ރަމަޟާން މަހުން ފެށިގެން ޢަމަލުކުރަންވާގޮތް ބަޔާންކޮށްފައިވެއެވެ.
ޕީސީބީން ބުނެފައިވަނީ ޤާނޫނުގައި ބަޔާންކޮށްފައިވާ ފަދައިން ވަޒީފާ އަދާކުރާ ކޮންމެ މުސްލިމު މުވައްޒަފަކަށް ރަމަޟާން މަހުގެ އިނާޔަތުގެ ގޮތުގައި -/3000 (ތިންހާސް) ރުފިޔާ ދޭންވާނެކަމަށާއި މުސާރާ ލިބޭގޮތަށް އެއް ވަޒީފާއަށްވުރެ ގިނަ ވަޒީފާ އަދާކުރާ މުވައްޒަފުންނަށް އިނާޔަތުގެ ފައިސާ ދޭއިރު، ހަމައެކަނި އެ މުވައްޒަފުގެ އަސާސީ ވަޒީފާ އޮންނަ އޮފީހަކުން ނުވަތަ ކުންފުންޏަކުން އިނާޔަތުގެ ފައިސާ ދިނުމަށާއި، އަދި އިތުރު ވަޒީފާ އަދާކުރާ އޮފީހަކުން ނުވަތަ ކުންފުންޏަކުން އިނާޔަތުގެ ފައިސާ ދީގެން ނުވާނެ ކަމަށެވެ.
ރަމަޟާން މަސް ފެށޭއިރު އޮފީހަށް ޚިދުމަތް ނުލިބޭގޮތަށް، ޕޭ ލީވް (ސްކޮލަރޝިޕް މުވައްޒަފުން) އަދި ނޯޕޭ ލީވްގައި ތިބި މުވައްޒަފުންނަށް ރަމަޟާން މަހުގެ އިނާޔަތް ހަމަޖައްސައި ނުދިނުމަށް އެ ސާކިއުލާގައި ބުނެފައިވެއެވެ. އަދި މިފަދަ ލީވެއްގައި ހުންނެވި މުވައްޒަފަކު ރަމަޟާން މަހުގެ ތެރޭގައި އެނބުރި ޚިދުމަތަށް ނިކުންނަވައިފިނަމަ، އެ މުވައްޒަފަކަށް ރޯދަ އިނާޔަތް ދޭންވާނީ އެ ދުވަހުން ފެށިގެން ރަމަޟާން މަހުގެ ނިޔަލަށް ޖެހޭވަރެއް ބައްލަވައި އެ އަދަދަށް ކަމުގައި ބުނެފައިވެއެވެ.
އެ ސާކިއުލާގައި އިތުރަށް ބުނެފައިވަނީ ސަރުކާރު އަދި ސަރުކާރު ޙިއްޞާވާ ކުންފުނިތަކުގެ ބޯޑުގެ ނޮން-އެގްޒެކެޓިވް ޑިރެކްޓަރުންނަށް ރަމަޟާން މަހުގެ އިނާޔަތުގެ ފައިސާ ކުންފުނީގެ ފަރާތުން ދީގެން ނުވާނެ ކަމަށާއި ރަމަޟާން މަހާއި ގުޅުވައި އިތުރު ހަދިޔާތައް މުވައްޒަފުންނަށް ދީގެން ނުވާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް