ގްރޭޓަރ މާލޭ ސަރަހައްދުގައި ދަތުރުފަތުރާ ގުޅޭގޮތުން އުފެދިފައިވާ "މާކެޓް ގެޕްސް" ތަކަށް ޙައްލު ހޯދައިދިނުމަށާއި، ޓެކްސީ ޚިދުމަތަކީ ލުއިފަސޭހަކަމާއެކު ރަނގަޅު ފެންވަރުގައި އާންމުންނަށް ލިބޭ ޚިދުމަތަކަށް ހެދުމުގެ މަގުޞަދުގައި ސަރުކާރުން އަލަށް ޓެކްސީ ލައިނެއް ތަޢާރަފްކުރުމަށް ނިންމާފައިވާކަމުގައި ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީއިން މިއަދު މީޑިއާތަކަށް ފޮނުވި ނޫސްބަޔާނެއްގައި ބުނެފައިވަނީ މާލެ ސަރަޙައްދުގައި ޓެކްސީގެ ޚިދުމަތަކީ މަދު އަސާސީ ޚިދުމަތްތަކުގެ ތެރެއިން ޚިދުމަތެއް ކަމުގައި ވީހިނދު، އެމްޓީސީސީއިން އަލަށް ފަށާ އީވީ (އިލެކްޓްރިކް ވެހިކަލް) ޓެކްސީ ލައިންގެ ސަބަބުން ޚިދުމަތް ލިބެން ބޭނުންވާ ހުރިހާ ފަރާތްތަކަށް އެންމެ ޒަމާނީ އަދި ރައްކާތެރި ޓެކްސީ ޚިދުމަތް ލިބިގެންދާނެ ކަމަށެވެ. މީގެ އިތުރުން، މި ޓެކްސީ ލައިންގެ ތެރެއިން ދާއިމީ ގޮތުންނާއި ޕާޓްޓައިމްކޮށް މަސައްކަތްކުރުމުގެ ފުރުޞަތު ކޮންމެ ދިވެހި ޓެކްސީ ޑްރައިވަރަކަށް ލިބިގެންދާނެކަމަށް ބުނެފައިވެއެވެ.
"މި ޓެކްސީ ލައިންގެ ސަބަބުން މިހާރު އަމިއްލަގޮތުން ޓެކްސީ ޚިދުމަތް ދޭ އެހެން ފަރާތްތަކުގެ މަސައްކަތަށް އެއްވެސް ބުރުލެއް ނާރާނެކަން ޔަޤީންކޮށް އަރުވަން، އަދި މީގެ ސަބަބުން ދެވަނަ ވަޒީފާއެއްގެ ގޮތުގައި ޓެކްސީ ކުރާ ފަރާތްތަކަށާއި މާލޭގައި ޒަރޫރީ ބޭނުންތަކުގައި ތިބެންޖެހޭ އެހެން ފަރާތްތަކަށް ވެސް އާމްދަނީ ހޯދުމުގެ އިތުރު ފުރުޞަތުތަކެއް ހުޅުވިގެންދާނެ" މިނިސްޓްރީއިން ބުނެފައިވެއެވެ.
މިނިސްޓްރީއިން އިތުރަށް ބުނެފައިވަނީ މި ޓެކްސީލައިން ތަޢާރަފް ކުރުމާ ގުޅިގެން ޢާންމު ރައްޔިތުންނަށް ލިބިގެންދާނެ ފައިދާތަކާއި، ވަޒީފާގެ ފުރުޞަތުތަކާބެހޭ އިތުރު މަޢުލޫމާތު ކުރިއަށް އޮތް ދުވަސްތަކުގައި ހިއްސާކުރެވޭނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް