އިއްޔެ ރޭގެ ދަންވަރުގެ ވަގުތެއްގައި އައްޑޫ ސިޓީގައި މީހަކު ރަހީނުކޮށް އަނިޔާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ހަތަރު މީހެއްގެ ވަނަވަރު ދިވެހި ފުލުހުން ހާމަކޮށްފިއެވެ.
އެ ފަރާތްތަކަކީ ސ. ހިތަދޫ، ވިޒަން ޑްރީމް، އުމުރުން 20 އަހަރުގެ ސަމާހް ތަޢުފީގް އާއި ސ. ހިތަދޫ، ގްރޭސް، އުމުރުން 19 އަހަރުގެ މުހައްމަދު ޔައީޝް އަޒާދު އާއި ސ. ހިތަދޫ، ނޫތަރި، އުމުރުން 22 އަހަރުގެ އަޝްރަފް މުޙައްމަދު އާއި ސ. ހިތަދޫ، މެރީ ގާޑަން، އުމުރުން 20 އަހަރުގެ އަލީ މާޒިން ހަސަން އެވެ.
މި މައްސަލައިގާ 15 އަހަރުގެ ކުއްޖަކުވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން އިއްޔެ ބުނެފައިވަނީ 10 ވަނަ ދުވަހުގެ ރޭގެ ދަންވަރު 01:35 ހާއިރު ސ. ހިތަދޫ މައިލޯ ދަނޑު ސަރަހައްދުން ވެހިކަލްގައި ފުލުހުން ޕެޓްރޯލް ކުރަމުންދަނިކޮށް އެ ސަރަހައްދުގައި ތިބި ބަޔަކު ދުވެ ފިލަން މަސައްކަތް ކުރި މަންޒަރު ފުލުހުންނަށް ފެނުނު ކަމަށެވެ.
"އެހެންކަމުން އިތުރަށް ބެލި ބެލުމުން އެ ސަރަހައްދުގައި ހުރި ޖޯއްޔެއްގައި މީހަކު ބަނދެ ބޮލުން ބައެއް ބާލައި އަނިޔާ ކޮށްފައި ހުއްޓާ ފެނިފައިވޭ" ފުލުހުން ބުނެފައިވެއެވެ.
އަނިޔާކޮށްފައި ހުއްޓާ ފެނުނީ އުމުރުން 37 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ފުލުހުން މިއަދު ބުނެފައިވަނީ މި މައްސަލައާއި ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ސަމާހް ތަޢުފީގު އާއި އަޝްރަފް މުޙައްމަދުގެ ބަންދަށް 15 ދުވަސް، މުޙައްމަދު ޔައީޝް އަޒާދު އަދި އަލީ މާޒިން ހަސަންގެ ބަންދަށް 7 ދުވަސް ކޯޓުން ދީފައިވާކަމަށެވެ. އަދި 15 އަހަރުގެ ކުއްޖާ ކޯޓަށް ހާޒިރު ނުކޮށް އާއިލާއާ ހަވާލުކޮށްފައިވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް