މަސްދަޅު ކޭސް ނެގުމާ ދެކޮޅު އިހުތިޖާޖެއް ޒަމީލް އިޢުލާނުކުރައްވައިފި – ވިދާޅުވީ އެއީ ވެންމަސް ވެނަށް ކާންދިނުން ކަމަށް

ރޯދަމަހަށް ބަހާ މަސްދަޅު ކޭސް ނުނެގުމުގެ އިހުތިޖާޖެއް ހަސަން ޒަމީލް އިޢުލާނުކުރައްވައިފިއެވެ. ރިޔާސީ އިންތިޚާބުގައި މިނިވަން ކެނޑިޑޭޓެއްގެ ގޮތުގައި ވާދަކުރެއްވި ޒަމީލް މިކަން އިޢުލާނުކުރެއްވީ ސޯޝަލް މ...

12 Feb 2025 | 06:49

ރޯދަމަހަށް ބަހާ މަސްދަޅު ކޭސް ނުނެގުމުގެ އިހުތިޖާޖެއް ހަސަން ޒަމީލް އިޢުލާނުކުރައްވައިފިއެވެ.

ރިޔާސީ އިންތިޚާބުގައި މިނިވަން ކެނޑިޑޭޓެއްގެ ގޮތުގައި ވާދަކުރެއްވި ޒަމީލް މިކަން އިޢުލާނުކުރެއްވީ ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ވީޑިއޯއެއްގައެވެ.

ވައްކަމާ ކޮރަޕްޝަނާ ޚިޔާނާތުގެ ކިތަންމެ އަމަލެއް ސަރުކާރުގެ ވެރިން ކުރައްވަމުން ގެންދަވާކަމުގެ ތުހުމަތު ކުރެވެމުންދާއިރު ބޮޑެތި ފައިދާތައް ނެރެވޭ ކުންފުނިތަކުން މިފަދައިން ހަދިޔާތައް ބެހިނަމަވެސް މިފްކޯއަކީ ބޮޑު ދަރަންޏާއެކު ހިންގަމުން ގެންދާ ކުންފުންޏެއް، ބެހޭ ހުރިހާ ދަޅު މަހެއްގެ އަގު ރައީސުލްޖުމްހޫރިއްޔާ މިފްކޯއަށް ދެއްވަފާނެތޯ ޒަމީލް ސުވާލު އުފައްދަވާފައިވެއެވެ.

"ދައުލަތުގެ ފައިދާއިން މި ފައިސާ ދެއްވާނަމަ އެ ދެވެނީ ހަމަ ރައްޔިތުންގެ ފައިސާއިން، މިފަދަ ކަންކަމަށް ކިޔާ އުޅެނީ ވެން މަސް ވެނަށް ކާންދިނުން" ޒަމީލް ވިދާޅުވެފައިވެއެވެ.

އަޅުގަނޑުމެންގެ ފައިސާއިން ބައެއް ވެރިން ބޮޑެތި ވައްކަން ކުރައްވަމުން ގެންދަވާއިރު ތިމަންނާމެނަށް ލިބޭނީ މިފަދަ ގޮތަކުން ލިބޭ އެއްޗެކޭ، ވީމާ އޭގެ ބޭނުން ނުކުރަންވީ ކީއްވެހޭ ؟ ބައެއް ބޭފުޅުން ސުވާލު ކުރައްވާ ކަމަށާއި މިކަން ތަޞައްވުރު ކުރެވެނީ ކިރު ފެލާލާފައި ހުނިކޮޅު އަޅާލީމާ އެ ކާން ކުކުޅުތަކެއްގެ ސިފައިގާ ރައްޔިތުން އުޅޭ އުޅުން ކަމުގައި ޒަމީލް ސިފަ ކުރައްވާފައިވެއެވެ.

"ސަރުކާރުން ކުރާ ނުރަނގަޅު ކަންތައްތަކާ ނުރުހޭކަން ދެއްކުމުގެ ގޮތުން މުޒާހަރާ ކުރާ ފަރާތްތައް މިފަހަރު ކުރާ މުޒާހަރާއެއްގެ ގޮތުން ގިނަ ބަޔަކު މިފަހަރު މަސްދަޅު ނުނަގަމާތޯ، އަޅުގަނޑަށް ހަމަ ޔަޤީން ކުރެވޭގޮތުގަ އެ މަސްދަޅުކޮޅު ނުނެގި ނަމަވެސް ﷲގެ އިރާދަފުޅާއެކު އެހާބޮޑު ދަތިކަމެއް ރޯދަމަހުގައި އަޅުގަނޑުމެން އުފުލާކަށް ނުޖެހޭނެ" ޒަމީލްގެ އިހުތިޖާޖު އިޢުލާނުކުރައްވަމުން ވިދާޅުވެފައިވެއެވެ.

ޒަމީލް އިތުރަށް ވިދާޅުވެފައިވަނީ ވޯޓެއް ދިނުމަށް ދޭ ހަދިޔާގައި ނުހިފުމަށް އަޒުމް ކަނޑައަޅަންޖެހޭ ފަދައިން މިފަދަ ކަންކަމުގައިވެސް އަޒުން ވަރުގަދަ ކުރަންޖެހޭ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް