ހއ.އިހަވަންދޫ މަގު ހެދުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
ހއ.އިހަވަންދޫގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަސައްކަތް ރަސްމީކޮށް ފައްޓަވާދެއްވީ ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރގެ މިނިސްޓަރ ޑރ އަބްދުﷲ މުއްތަލިބް އާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ގެ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔާޑް) އަލީ ޒުހައިރު އަދި އިހަވަންދޫ ކައުންސިލްގެ ރައީސް އަހުމަދު ސޮބާހް އެވެ.
މި މަސައްކަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ ހަފްތާ14ގެ މަގުޗާޓުގެ ދަށުން ފެއްޓެވި މަސައްކަތެކެވެ.
މި މަޝްރޫޢުގެ ދަށުން 15 މަގު ހަދާއިރު، އެ މަގުތައް ހަދާނީ ޒަމަނީ ފެން ހިންދުމުގެ ނިޒާމާއެކުއެވެ. އަދި މަގުގެ އަޑީގައި ވަޅުލާފައިވާ ހޮޅިތަކާއި ކޭބަލްތައް ރަނގަޅުކޮށް، ވަކި އިންތިޒާމެއްގެ ދަށުން ވަޅުލުމުގެ މަސައްކަތް ކުރާނެ ކަމަށް އާރުޑީސީން މައުލޫމާތުދެއެވެ. މީގެ އިތުރުން މަގު ހަދާ ނިމޭއިރު މަގުތަކުގައި ނިޝާންތައް ކުރަހާ މަގުބައްތިވެސް ހަރުކުރެވިގެންދާނެ ކަމަށް އާރުޑީސީން ބުންޏެވެ.
އާރުޑީސީން ބުނީ އަމާޒަކީ މި މަޝްރޫޢުގެ މަސައްކަތް 6 މަސް ދުވަހުގެ ތެރޭގައި ނިންމާލުން ކަމަށެވެ.
އިހަވަންދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތަކީ 2022 އަހަރުގެ އެޕްރީލް މަހުގެ ތެރޭގައި ނިމިދިޔަ ސަރުކާރުން އާރުޑީސީއާ ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ. މި މަޝްރޫޢު އާރުޑީސީއާ ހަވާލުކޮށްފައިވަނީ 102 މިލިއަން ރުފިޔާއަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް