ޓެކްސީ ޑްރައިވަރުންގެ ޤައުމީ ދަފްތަރުގައި ރަޖިސްޓްރީވާން ހުޅުވާލައިފި

ދިވެހިރާއްޖޭގައި ޓެކްސީކުރުމުގެ ޚިދުމަތް ފޯރުކޮށްދެމުންދާ ފަރާތްތަކުގެ މަޢުލޫމާތު ހިމެނޭ ޓެކްސީ ޑްރައިވަރުންގެ ޤައުމީ ދަފުތަރުގައި ރަޖިސްޓްރީވާން ހުޅުވާލައިފިއެވެ. ޓްރާންސްޕޯޓް މިނިސްޓްރީން ނެރުނު އިއ...

12 Feb 2024 | 15:14

ދިވެހިރާއްޖޭގައި ޓެކްސީކުރުމުގެ ޚިދުމަތް ފޯރުކޮށްދެމުންދާ ފަރާތްތަކުގެ މަޢުލޫމާތު ހިމެނޭ ޓެކްސީ ޑްރައިވަރުންގެ ޤައުމީ ދަފުތަރުގައި ރަޖިސްޓްރީވާން ހުޅުވާލައިފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނީ ޓެކްސީ ޑްރައިވަރުންގެ ޤައުމީ ދަފްތަރުގައި ރަޖިސްޓްރީވާން ހުޅުވާލާފައިވާކަމަށާއި، އެ ދަފްތަރުގައި ރަޖިސްޓްރީވާން ބޭނުން ފަރާތްތަކުން އެ މިނިސްޓްރީގެ ސިމްސް ޕޯޓަލް މެދުވެރިކޮށް ރަޖިސްޓްރީ ވެވޭނެ ކަމަށެވެ.

މި ދަފުތަރު އެކުލަވާލާއިރު، ޑިޖިޓަލް ޕޭމަންޓް ނިޒާމް އޭގެ ތެރެއިން ގާއިމުކުރެއްވުމަށާއި، ބޭންކުތަކާ މަޝްވަރާކުރައްވައިގެން މިފަދަ ނިޒާމެއްގެ ދަށުން ބޭންކުން ނަގާ ނިސްބަތް އުވާލައިގެން މިކަން ކުރެއްވޭނެގޮތެއް ހަމަޖެއްސުމަށާއި، ޓެކްސީ ޚިދުމަތް ހޯދާ ފަރާތްތަކުގެ ތެރެއިން ކޭޝް ޕޭމަންޓް ހަދާ ފަރާތްތަކުން ހަދާ ޕޭމަންޓްތަކަކީ، ޓްރާންސްޕޯޓް މިނިސްޓްރީގައި ރެކޯޑުކުރެވޭ މުޢާމަލާތެއްކަމުގައި ހެދުމަށް ހަމަޖެއްސުން ހިމެނެއެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ހަފުތާ 14ގެ މަގުޗާޓުގައި ހިމަނުއްވާފައިވާ ކަމެކެވެ. ދުނިޔޭގެ ތަރައްޤީވެފައިވާ ޤައުމުތަކުގައި ޓެކްސީގެ ޚިދުމަތްދޭ ފެންވަރަށް ރާއްޖޭގައި ފޯރުކޮށްދޭ ޓެކްސީގެ ޚިދުމަތް ތަރައްޤީކުރުމަކީ ދިގުރާސްތާގައި ހާސިލުކުރުމަށް ބޭނުންވާ ކަމަކަށްވާތީ، މިކަން ހާސިލުކުރުމަށްޓަކައި ކުރައްވަންޖެހޭ ހުރިހާ މަސައްކަތެއް ކަމާގުޅޭ ފަރާތްތަކާ މަޝްވަރާކޮށްގެން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވެއެވެ.

މީގެ އިތުރުން ޓެކްސީ ޑްރައިވަރުންނާއި، މިކަމުގައި ޝާމިލުވާ ހުރިހާ ފަރާތްތަކުގެ ޙައްޤުތަކާއި، އެ ފަރާތްތަކުގެ ޒިންމާތައް ހިމެނޭގޮތަށް ކަމާގުޅޭ ހުރިހާ ފަރާތްތަކުގެ މަޝްވަރާއާއެކު އުސޫލެއް އެކުލަވާލުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް