ކްރެޑިޓް ކާޑާއި ޑެބިޓް ކާޑުތަކުން ބޭރު ފައިސާ ނެގޭ މިންވަރު ކުޑަކުރަން ނުނިންމާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.
ފިނޭންސް މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ކްރެޑިޓް ކާޑުތަކާއި ޑެބިޓް ކާޑުތަކުން ބޭރު ފައިސާ ނަގަން ކަނޑައަޅާފައިވާ މިންވަރު ކުޑަކުރުމަށް އެއްވެސް ނިންމުމެއް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އަދި ނިންމާފައި ނުވާކަމުގެ ޔަގީންކަން ބީއެމްއެލް އިން ފިނޭންސް މިނިސްޓްރީއަށް ދީފައިވާ ކަމަށެވެ.
ފިނޭންސް މިނިސްޓްރީން ބުނީ ރާއްޖޭގެ އިޤްތިސާދީ އަދި މާލީ ހާލަތަށް ބަލައި ކްރެޑިޓް އަދި ޑެބިޓް ކާޑުތަކުގެ ލިމިޓަށާއި ބޭރު ފައިސާގެ ބާޒާރަށް ހެޔޮ ބަދަލުތައް ގެނައުމަށް އެ މިނިސްޓްރީއާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އަދި ބީއެމްއެލް ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ފިނޭންސް މިނިސްޓްރީން ބުނީ ދިވެހިރާއްޖޭގެ މާލީ އަދި އިގްތިސާދީ ހާލަތު ރަނގަޅުކޮށް، ދަރަނީގެ ހިރާސްތައް ކުޑަކޮށް، ބޭރު ފައިސާ ލިބުން ފަސޭހަކުރެވޭނެ މަގުތައް ފަހިކުރުމަށް ދިވެހި ސަރުކާރުން ކެނޑިނޭޅި މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ގައުމަށް ކުރިމަތިވެފައި ހުރި މާލީ ދަތިތަކުން އަރައިގަނެ، ރާއްޖޭގެ އިގްތިސާދީ ހާލަތަށް އަދި ރައްޔިތުންގެ ފުދުންތެރިކަމަށް ހެޔޮ ބަދަލެއް މި ސަރުކާރުން ގެނެސްދޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވާކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.
ރާއްޖެއިން ބޭރުގައި ބޭންކުގެ ކާޑުތަކަށް މަހެއްގެ މައްޗަށް މިހާރު މުއާމަލާތްކުރެވޭ ލިމިޓަކީ ޑެބިޓް ކާޑަށް 250 ޑޮލަރު އަދި ކްރެޑިޓް ކާޑަށް 750 ޑޮލަރެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް