މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ފްލެޓްތަކުގެ އަގު ކުޑަކުރުމަށާއި، އެންމެން ވަދެ ނިމުމުން ކުލި ނަގަން ފަށާ ގޮތަށް ނިންމާފައިވާ ކަމަށް އެ ކުންފުނީގެ ސީއީއޯ މުޙައްމަދު ވަޖީހު އިބްރާހިމް ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ވަޖީހު ވިދާޅުވީ މަސައްކަތް ކުރީ ކުންފުނީގެ މަގާމާއި ހަވާލުވެ ދެ މަސް ދުވަހުގެ ތެރޭގައި މުވައްޒަފުން ފްލެޓްތަކަށް ވެއްދުން ކަމަށެވެ. ނަމަވެސް ކޮންޓްރެކްޓަރުގެ ފަރާތުން ކުރިމަތިވި ޑިލޭތަކެއްގެ ސަބަބުން އެކަން ނުވީކަމަށް ވަޖީހު ވިދާޅުވިއެވެ.
ވަޖީހު ވިދާޅުވީ މީހުން ދިރިއުޅެވޭ ވަރަށް މިހާރު މަސައްކަތް ނިމިފައިވާ ކަމަށާއި ފްލެޓްތަކަށް އާއިލާތަކުން ބަދަލުވާން ފަށާފައިވާ ކަމަށެވެ. ވަޖީހު ވިދާޅުވީ މިހާރު ނުނިމި ހުރީ ފިނިޝިންގެ މަސައްކަތްތައް ކަމަށާއި، އެ މަސައްކަތްތައް ނިންމާ ވީހާވެސް އަވަހަކަށް މުޅި ޕްރޮޖެކްޓު އެއްކޮށް ނިންމުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ވަޖީހު ވިދާޅުވީ ފްލެޓްތަކަށް ވަނުމުގައި މުވައްޒަފުންނަށް ދިމާވި ދަތިތަކަށް ބަދަލު ދިނުމުގެ ގޮތުން، ކުލި ކުޑަކޮށް، ކުލި ދައްކަން ފަށަން ޖެހޭ މުއްދަތު ފަސްކުރުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން، ހުރިހާ ފްލެޓަކަށް މީހުން ވަދެ ނިމުމުން ނޫނީ ކުލި ނަގަން ނުފަށާނެ ކަމުގެ ޔަގީންކަން ވަޖީހު ވަނީ ދެއްވާފައެވެ. މީގެ ކުރިން ނިންމާފައިވަނީ އޭޕްރިލް މަހުން ފެށިގެން ކުލި ނެގުމަށެވެ.
އެމްޕީއެލް އިން މުވައްޒަފުންނަށް ދޫކުރީ 534 ފްލެޓެވެ. އޭގެ ތެރޭގައި އެއް ކޮޓަރީގެ 204 ޔުނިޓާއި، 3 ކޮޓަރީގެ 330 ޔުނިޓު ހިމެނޭއިރު، އެޕާޓްމަންތަކުގެ އަގުތައް އުޅެނީ 3700 އާއި 8000 އާއި ދެމެދުއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް