ސެލޫނާއި ސްޕާގެ ނަމުގައި ހަށިވިއްކާ 111 ތަން މާލެ ސަރަހައްދުގައި އެބަހުރި ކަމަށް ހޯމް މިނިސްޓަރ އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
ހޯމް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މައުލޫމާތު ދެއްވަމުން މިނިސްޓަރ އިހުސާން ވިދާޅުވީ އެ މިނިސްޓްރީގެ ފަރާތުން ކުރަމުންދާ ތަހުގީގުތަކުން މިހާތަނަށް އެނގިފައިވާ ގޮތުގައި މާލެ ސަރަހައްދުގައި 111 ތަނެއްގައި ހަށިވިއްކުމުގެ ވިޔަފާރި ކުރެއެވެ.
މިނިސްޓަރ ވިދާޅުވީ މި މަސައްކަތަކީ ވަރަށް ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ މަސައްކަތެއް ކަމަށާއި، ހަށިވިއްކުމަށްޓަކައި ބޭރު ގައުމުތަކުން ޓޫރިސްޓް ވިސާގައި މީހުން ރާއްޖެއަށް އެތެރެކޮށްގެން އެމީހުން ބޭނުން ކޮށްގެން ހަށިވިއްކުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ސްޕާ އާއި ސެލޫންތަކުގެ ނަމުގައި ހަށި ވިއްކުމުގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ އިރު، އެތަންތަނާ މެދު ގާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެގޮތުން އެ މަސައްކަތުގެ ތެރެއިން ހައްޔަރުކުރެވޭ މީހަކީ ބިދޭސީއެއްނަމަ ވަގުތުން އެމީހަކު ޑީޕޯޓުކޮށްލަނީ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މި ވިޔަފާރީގައި ބައިވެރިވާ ދިވެހިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ތަހުގީގު ހިންގަމުން އަންނަ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ހަށިވިއްކުމުގެ ވިޔަފާރިގެ ތެރެއިން މިހާތަނަށް ހައްޔަރުކޮށްފައިވަނީ ކިތައް ދިވެހިން ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ހޯމް މިނިސްޓްރީއާއި އެ މިނިސްޓްރީއާ ގުޅުން ހުރި މުއައްސަސާތައް ގުޅިގެން ހިންގި އޮޕަރޭޝަންތަކުން ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ ތެރެއިން 183 މީހަކު އަނބުރާ ގައުމަށް ފޮނުވާލައި، 83 މީހަކު ޑީޕޯޓު ކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން، ގަވާއިދާ ޚިލާފަށް މާލޭގައި ވިޔަފާރި ކުރަމުން އަންނަ މީހުންނާ މެދުވެސް ފިޔަވަޅު އަޅަމުން އަންނަ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ގަވައިދާ ޚިލާފަށް ހިންގާ ހުރިހާ ވިޔަފާރިއެއް ބަންދު ކުރުން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް